ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަން ސާބިތުވި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހުމާނު ރަފީއުއަށް ކުރި ހުކުމް ބޮޑުވުމުން, ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އިސްތިއުނާފް ކުރުމަށް ނިންމައިފިއެވެ.
ގާނޫނޫލްއުގޫބާތުގެ ދަށުން އެއްޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ދައުވާ އުފުލި ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރިއްޔާތުގައެވެ.
އެނގިފައިވާ ގޮތުގައި ތަހުގީގް މަރުހަލާއިން ފެށިގެން ރަފީއު ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން ދައުލަތުން އެދުނީ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކޮށް ހަތް މަހާއި ހަ ދުވަހަށް ޖަލުގައި ރަފީއު ބަންދުކޮށްދިނުމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވާފައިވަނީ ދެ ދަރަޖަ މަތިކޮށެވެ. އެކަމުގެ ސަބަބު ހާމަކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން ހުކުމާ މެދު ހިތްހަމަނުޖެހޭތީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އަލަމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ އުފުލި ގާނޫނީ ވަކީލް އަޙުމަދު ނާޒިމް އަބްދުއްސައްތާރު ޖަލަށްލުމުގެ ބަދަލުގައި ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދު ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލްމަގީރުގެ މައްޗަށް ކުށް ސާބިތުވެ އޭނާ ވެސް އަންނަނީ ހަތް މަހުގެ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އިތުރު 40 ދައުވާއެއް އޭނާއާ ދެކޮޅަށް މިހާރު ވަނީ އުފުލާފައެވެ.
އަލަމްގީރާއެކު އެކި މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކް ކޮށްލާފައިވާއިރު އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހައްޔަރުކޮށް އަންނަނީ ތަހުގީގު ހިންގަމުންނެވެ. އަދި ބައެއް މީހުންނަށް ވަނީ 'ކުދި' ހުކުމްތަކެއް ވެސް ކޮށްފައެވެ.