ކޫއްޑޫއަށް ނުކިރުނު މަސް، ފިއޯރީއަށް ބަހައިފި

ކޫއްޑޫއަށް ނުކިރުވިގެން އުކާލަން ޖެހުނު މަސް ފިއޯރީއަށް ބާލަނީ --

މަހުގެ ކޮލިޓީ ދަށް ކަމަށް ބުނެ، ގއ. ކޫއްޑޫއަށް ނުކިރުނު މަސް، ގދ. ފިއޯރީ ރައްޔިތުންނަށް މިރޭ ބަހައިފިއެވެ.

މިރޭ 8:00ހާއިރު ފިއޯރީއަށް މަސް ބެހީ އައްޑޫ ސިޓީ މަރަދޫގައި ދުއްވާ، ރަހާ ދޯނިންނެވެ.

ރަހާ ދޯނީގެ ކެޔޮޅު އިބްރާހީމް ސަބާތު، "ސަން"އަށް ބުނީ އެމީހުން ބޭނި މަހުގެ ތެރެއިން މިންގަނޑަށް ނުފެތޭ ކަމަށް ބުނެ، ކޫއްޑޫން ގަބޫލު ނުކުރީ 22 ޓަނުގެ ކަނޑު މަސް ކަމަށެވެ. އެހެންކަމުން އެމީހުން ނިންމީ އޭގެ ތެރެއިން ދެ ޓަނު މަސް ގދ. ފިއޯރީ ރައްޔިތުންނަށް ބަހާލަން ކަމަށް ކެޔޮޅު ބުންޏެވެ.

"މިއީ ހަމަ ރަނގަޅު ތާޒާ ކަނޑު މަސް. އުކާލުމުގެ ބަދަލުގައި ކައިރީގައި އޮތް ފިއޯރީ ރައްޔިތުންނަށް ދިނީ،" ކެޔޮޅު ބުންޏެވެ.

ފިއޯރީ ކައުންސިލް މެންބަރު ފަސީލާ ރަޝީދު، "ސަން"އަށް ވިދާޅުވީ މި ދުވަސްވަރު ރާއްޖެއަށް މަސްވެރިކަން ރަނގަޅު ނަމަވެސް އެރަށަކީ މަހަށް ފުރާ އުޅަނދެއް އޮންނަ ރަށަކަށް ނުވާތީ، ރަށަށް ބޭނުންވާ ވަރަށް މަސް ނުލިބޭ ކަމަށެވެ. އެހެންކަމުން ފަސީލާ، ވަނީ ރަށުގެ ރައްޔިތުންގެ ނަމުގައި ރަހާ ދޯނީގެ ވެރިފަރާތަށް ޝުކުރު އަދާކުރައްވާފައެވެ.

"މި ރަށަކީ މަސްދޯނި ދުއްވާ ރަށެއް ނޫން. އެހެންވީމަ މަހަށް ދަތިވެފައި އޮއްވައި ރަހާ ދޯނި އައިސް ބެހީ ތާޒާކޮށް ހުރި ފަލަ ގޮދާ، ކަނޑުމަސް. ޖެޓީ ކައިރިއަށް ދޯނި އައިސް މަސްތައް އެތަނުގައި އަތުރާލީ. ހަމަ ނަގާނެ ވަރަކަށް ނަގަން،" ފަސީލާ ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ދެކުނަށާޢި އުތުރަށް ވެސް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ކޫއްޑޫއާއި މާންދޫއަށް ބާރުބޮޑުވެ، މާންދޫގައި މަސްކިރާ މިންވަރު ވެސް މިހާރު ވަނީ ލިމިޓުކޮށްފައެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް މަސް ކިރުން މިދިޔަ އޭޕްރީލް މަހުގެތެރޭގައި ވެސް ދަތިވިއެވެ. އޭގެ ފަހުން، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މިފްކޯއަށް މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް