ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް، ޓޫރިޒަމާ ބެހޭ ގާނޫނަށް ހަތް ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ ބިލް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި އިސްލާހަކީ އެ ގާނޫނުގެ 11 ވަނަ އިސްލާހުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެ ކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމަށް ގެނައި އިސްލާހެކެވެ.
މީގެ އިތުރުން ވެސް އެ ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށް އިސްލާހުގައިވެއެވެ.
ހަމައެއާއެކު، ގްރީން ޓެކްސް އެ ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
އެ ބިލުގެ އިތުރުން ރައީސް ވަނީ ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް މިއަދު ތަސްދީގު ކުރައްވާފައެވެ.
އެ ގާނޫނަށް ގެންނަ މައިގަނޑު އިސްލާހަކީ، ރާއްޖޭގެ އިގުތިސާދާއި ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާޔަތްކޮށް, މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ބިދޭސީންނަށް ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމެވެ.
ރައީސް އެ ދެ ބިލް ތަސްދީގުކުރެއްވުމާއެކު މިއަދު ދެ ގާނޫނޫ ވެސް ގެޒެޓުގައި ޝާއިއުކޮށް، އަމަލުކުރަން ވަނީ ފަށާފައެވެ.