މާލެ ސަރަހައްދުގައި ބޯހިިމެނުމުގެ މުއްދަތު އިތުރުކޮށްފި

ބޯހިމެނުމުގެ މަސައްކަތް ކުރުމުގެ ތެރެއިން--- ފޮޓޯ/ ސެންސަސް 2022

މާލެ ސަރަހައްދުގައި ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނާއި ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ކުރިއަށްގެންދާ ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދަން މީގެ ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މިހާރު މާލެ ސަރަހައްދުގައި އެ މުއްދަތު ވަނީ މިމަހުގެ 27އާ ހަމައަށް އިތުރުކޮށްފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މާލެ ސަރަހައްދުގައި އެ މުއްދަތު އިތުރު ކޮށްފައިވަނީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުން ކަމަށެވެ.

ބޯހިމެނުމުގެ މަސައްކަތަށް އާންމުންގެ އެއްބާރުލުން ލިބޭ ކަމަށް އެ ބިއުރޯއިން ވަނީ ބުނެފައެވެ. އެންމެ ފަހުގެ ބޯހިމެނުން 2014 ވަނަ އަހަރު ބޭއްވިއިރު އޭރުގެ ސިޔާސީ މަޝްރަހު އޮތްގޮތުން އެކަމަށް ބައެއް މީހުން އެއްބާރުލުން ނުދިނެވެ.

https://sun.mv/168221

މިދިޔަ އަންގާރަ ދުވަހު ފެށި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ އެނިއުމަރޭޓަރުންގެ އަދަދު 4،300އަށް އަރައެވެ. އެމީހުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ގެތަކަށް ވަދެ މައުލޫމާތު އެއްކުރަމުންނެވެ.

ބޯހިމެނުގެ މަސައްކަތުގެ ތެރެއިން އެއްކުރާނެ މައުލޫމާތުގެ ތެރޭގައި ކޮންމެ ރަށެއްގައި ދިރިއުޅޭ ދިވެހީންނާއި ބިދޭސީންގެ އަދަދާއި އާބާދީ އިތުރުވާ މިންވަރާއި އުމުރުފުރާތަކަށް އަންނަ ބަދަލާއި މީހުން ހިޖުރަ ކުރާ މިންވަރާއި މަސައްކަތު އާބާދީ ހިމެނެއެވެ. އަދި އެ ސާވޭގެ ތެރެއިން، ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ވެސް ދެނެގަންނާނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގައެވެ. އެއަށްފަހު ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، ބޮޑު ހަނގުރާމައިގެ ދުވަސްވަރު މެދުކެނޑުމެއްއައެވެ. އޭގެ ފަހުން ބޯހިމަނަން ފެށީ 1946ގައެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ސާވޭއިން ދެއްކި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.

comment ކޮމެންޓް