ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމުގެ ކުރިން ގްރީން ސްޓްރީޓްސްއަށް ކުޅުނު ސްޕެއިންގެ ފޯވާޑް އޭޖަލް މުނޯޒްއަށް މުސާރަ ދޭނެކަމަށް އެ ކުލަބުން ބުނެފިއެވެ.
ރޭ ގްރީން ސްޓްރީޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުލަބަށް މާލީ ގޮތުން ދަތިވެފައިވަނީ އެފްއޭއެމްއިން ދޭން އެއްބަސްވި ތިން މިލިއަން ރުފިޔާ ގަވައިދުން އެ ކުލަބަށް ލިބިފައި ނުވާތީކަމަށެވެ.
އޭންޖަލްގެ މުސާރައިގެ މައްސަލައިގައި އެ ކުލަބުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ބައްދަލުކޮށްފައިވާކަމަށް ވެސް އެ ކުލަބުން ބުންޏެވެ.
"އަހަރުމުން އެފްއޭއެމްގެ ރައީސް އަދި ޖެނެރަލް ސެކެޓްރީއާ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބައްދަލުކުރިން. އަދި އެ މައްސަލަ ދެތިން ހަފުތާ ތެރޭގައި ހައްލުވާނެކަމުގެ ޔަގީންކަން އެބޭފުޅުން ވަނީ ދީފައި،" އެ ބަޔާނުގައިވެއެވެ.
އޭންޖަލްގެ މުސާރައިގެ މައްސަލަ ހައްލު ނުވެ ދިގުލައި ދިޔުމުގެ ސަބަބުން ޓީމުގެ އެހެން ކުޅުންތެރިންނަށް ވެސް މުސާރައިގެ މައްސަލަތައް ކުރިމަތިވެފައިވާކަމަށް އެ ކުލަބުން ނެރުނު ބަޔާނުގައި ވެއެވެ.
އެ ކުލަބަށް ދާދިފަހުން ސްޕޮންސާޝިޕް ހަމަޖެހިފައިވާތީ މާލީ ހުރިހާ މައްސަލައެއް ހައްލުވާނެ ކަމަށް އެ ކުލަބުންް ބުންޏެވެ. މީގެ އިތުރުން ބުނީ އެ ކުލަބުގެ އުންމީދަކީ 2022/23 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން މުސާރަ ދީ ހަލާސްކުރުން ކަމަށެވެ.
އޭންޖަލްއަށް މުސާރަ ދީފައި ނުވާތީ ފީފާއިން ނިންމާފައި ވަނީ ކުރިއަށް އޮތް ޓްރާންސްފާ ތިން ޕީރިއަޑްގެ ތެރޭގައި އެ ކުލަބަށް އާ އެއްވެސް ކުޅުންތެރިއަކު ސޮއި ނުކުރެވޭނެ ކަމަށެވެ.
ފީފާއިން އެގޮތަށް ނިންމަން ޖެހުނީ ޖުލައި މަހު އޭންޖަލްއަށް މުސާރަ ދިނުމަށް ފީފާއިން އެންގުމުން ވެސް ގްރީންއިން އެގޮތަށް އަމަލުކޮށްފައި ނުވާތީއެވެ.
އޭންޖަލްއަށް މުސާރަ ދިނުމަށް ފީފާއިންް ގްރީންއަށް ދިނީ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 45 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޭނާއަށް މުސާރާ ދީފައި ނުވާތީ ފީފާގެ ފުޓުބޯޅަ ޓްރަބިއުނަލްއިން ނިންމީ ގްރީންއަށް ފިޔަވަޅު އެޅުމަށެވެ.
އެނގިފައިވާ ގޮތުގައި އޭންޖަލްއަށް ގްރީންއިން 20،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް މުސާރައިގެ ގޮތުގައި ދޭންޖެހެއެވެ.
އޭންޖަލް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފީފާ މެދުވެރިކޮށް ކުލަބުތަކުން އޭނާއަށް ނުދީވާ މުސާރަ ހޯދައިފައެވެ.
އޭނާ 2016 ވަނަ އަހަރު ކުލަބު ވެލެންސިއާއަށް ކުޅުނު އިރު އެ ކަލަބުން އޭނާއަށް މުސާރަ ނުދިނުމުގެ ސަބަބުން އޭނާ ވަނީ ފީފާއަށް ގޮސް މުސާރަ ހޯދައިފައެވެ. އެ މައްސަލަ ނިމުނުއިރު ވެލެންސިއާއިން އޭންޖަލްއަށް 9595 ޑޮލަރު (147،954 ރުފިޔާ) ވަނީ ދީފައެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ވިކްޓަރީ ގޮވައިގެން ވެސް އޭނާ ވަނީ ފީފާ އަށް ގޮސްފައެވެ. އެ ފަހަރު ވެސް އޭންޖަލްއަށް ދޭން ޖެހޭ ފައިސާ ވިކްޓަރީން ވަނީ ދީފައެވެ.