ޖާސޫސް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުން ފުރުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ފުރުވާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ފުލުހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ބިދޭސީ ދެ މީހަކު ހިފަހައްޓައި، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެއަށް ފަހު އެ ދެ މީހުން ހައްޔަރުކޮށް، އޭރު ކްރިމިނަލް ކޯޓުން ދެ މީހުންގެ ބަންދަށް 10 ދުވަސް ޖެހިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އެ މައްސަލައިގައި ތަހުގީގު ކުރުމުން އެ ދެ މީހުންގެ މައްޗަށް ޖިނާއީ ތުހުމަތެއް އުފުލޭ ވަރުގެ ހެކި ގަރީނާ ހޯދިފައި ނުވާ ކަމަށެވެ.

"އެ ދެމީހުން ވަނީ މި މަހުގެ އަށް ވަނަ ދުވަހު ބަންދުން ދޫކުރެވިފައި. އަދި މި މަހުގެ ނުވަ ވަނަ ދުވަހު އެ ދެމީހުން ވަނީ ރާއްޖެއިން ފޮނުވާލެވިފައި." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައާއި ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަނުން ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލާފައިވަނީ އެކަމަށް ވޯޓު ދެއްވި 34 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ހަ މެންބަރުންނެވެ.

https://sun.mv/168334

ސައީދު ވިދާޅުވީ ބައިނަލްއަގްވާމީ މީޑިއާތަކުން އެ ހާދިސާއާ ގުޅޭ ގޮތުން ކަންބޮޑުވާފަދަ ބިރުވެރި ވާހަކަތަކެއް ޝާއިއު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ އައިސް ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.

"މި ބައްދަލުވުމަށްފަހު ފުލުހުން އެ ހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުން. މިއީ ރޭވިގެން ހިންގާފައިވާ ވަރަށް ނުރައްކާތެރި އަމަލެއް. އެކަމުގެ ބިރު ބައެއް އަވަށްޓެރި ގައުމުތަކަށް ވެސް އޮތް ކަމަށް ހާމަ ކޮށްފައިވޭ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާ ވެގެން އިިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު ޖާސޫސް ކުރުމުގެ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި ބަޔަކު ފުރައިގެން ދިޔަކަމަށް ވެސް ސައީދު ތުހުމަތު ކުރައްވާފައެވެ.

"ހާދިސާއާ ގުޅިގެން ފުލުހުން ވެސް އެކަށީގެންވާ ގޮތެއްގައި މީޑިއާތަކަށް މައުލޫމާތު ދެމުން ނުދޭ. އެކަމާ ގުޅޭ ކަންކަން ފުލުހުން ދަނީ ރައްޔިތުންނަށް ސިއްރުކުރަމުން،" ސައީދު ވިދާޅުވިއެވެ.

އޭރު ހައްޔަރު ކުރި ދެ މީހުން މިވަގުތު ވީތަނެއް ފުލުުހުންނަށް ވެސް ނޭނގޭ ކަމަށް ތުހުމަތު ކުރައްވައި ސައީދު ވިދާޅުވީ އެ ހާދިސާއަށް ފަހު ވީއައިއޭގެ ސެކިއުރިޓީ އަދިވެސް ހަރުދަނާ ކޮށްފައިނުވާ ކަމަށެވެ.

comment ކޮމެންޓް