ޖާސޫސް ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު--- ފޮޓޯ/ މަޖިލިސް

ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލާފައިވަނީ އެކަމަށް ވޯޓު ދެއްވި 34 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ހަ މެންބަރުންނެވެ.

މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ފުލުހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ބިދޭސީ ދެ މީހަކު ހިފަހައްޓައި، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެއަށް ފަހު އެ ދެ މީހުން ހައްޔަރުކޮށް، އޭރު ކްރިމިނަލް ކޯޓުން ދެ މީހުންގެ ބަންދަށް 10 ދުވަސް ޖެހިއެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ އެ ދެ މީހުނަށް ކުރަނީ ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. އެގޮތުން ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލައިގައި ސައީދު ވިދާޅުވީ ބައިނަލްއަގްވާމީ މީޑިއާތަކުން އެ ހާދިސާއާ ގުޅޭ ގޮތުން ކަންބޮޑުވާފަދަ ބިރުވެރި ވާހަކަތަކެއް ޝާއިއު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ އައިސް ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.

"މި ބައްދަލުވުމަށްފަހު ފުލުހުން އެ ހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުން. މިއީ ރޭވިގެން ހިންގާފައިވާ ވަރަށް ނުރައްކާތެރި އަމަލެއް. އެކަމުގެ ބިރު ބައެއް އަވަށްޓެރި ގައުމުތަކަށް ވެސް އޮތް ކަމަށް ހާމަ ކޮށްފައިވޭ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާ ވެގެން އިިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު ޖާސޫސް ކުރުމުގެ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި ބަޔަކު ފުރައިގެން ދިޔަކަމަށް ވެސް ސައީދު ތުހުމަތު ކުރައްވާފައެވެ.

"ހާދިސާއާ ގުޅިގެން ފުލުހުން ވެސް އެކަށީގެންވާ ގޮތެއްގައި މީޑިއާތަކަށް މައުލޫމާތު ދެމުން ނުދޭ. އެކަމާ ގުޅޭ ކަންކަން ފުލުހުން ދަނީ ރައްޔިތުންނަށް ސިއްރުކުރަމުން،" ސައީދު ވިދާޅުވިއެވެ.

އޭރު ހައްޔަރު ކުރި ދެމީހުން މިވަގުތު ވީތަނެއް ފުލުުހުންނަށް ވެސް ނޭނގޭ ކަމަށް ތުހުމަތު ކުރައްވައި ސައީދު ވިދާޅުވީ އެ ހާދިސާއަށް ފަހު ވީއައިއޭގެ ސެކިއުރިޓީ އަދިވެސް ހަރުދަނާ ކޮށްފައިނުވާ ކަމަށެވެ. އަދި ކިތަންމެ ކުޑަކަމަކުން ވެސް ރާއްޖޭގެ އިގްތިސާދު އެކަމެއްގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރި ކަމަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވުމާއެކު ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރުމަށްޓަކައި ވީއައިއޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް