ޔުނިވާސިޓީތަކުގައި ދާއިމީ މުވައްޒަފުންގެ އަދަދު، ދާއިމީ ގޮތެއްގައި ތިބެން ޖެހޭނެ މިންގަނޑެއް ކަނޑައަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރު ސަލީމް ވިދާޅުވީ ޔުނިވާސިޓީއަކީ މަތީ ތައުލީމް ދިނުމުގެ އެންމެ މުހިއްމު އެއް މުއައްސަސާ ކަމަށެވެ.
އެގޮތުން ޔުނިވާސިޓީއަކަށް ލައިސަންސް ދޭއިރު އެތަނެއްގައި ވަކި މިންގަނޑުތަކަކާއި އުސޫލުތަކާ ޝަރުތުތަކެއް ހުންނަން ޖެހޭ ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.
"މިހާރު ވަރަށް ގިނައިން އަޅުގަނޑުމެންނަށް ފެންނަ އެއް ކަމަކީ ކިޔަވައިދިނުމަކީ ވެސް، ޚާއްސަކޮށް ކޮލެޖް ތަންތާނގަ ކިޔަވައިދިނުމަކީ ޕާޓް-ޓައިމް ވަޒީފާގެ ގޮތުގައި ވަރަށް ގިނަ ފަރާތްތަކުން އާމްދަނީ ހޯދުމުގެ މަސައްކަތެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެއް ކަން." މެމްބަރު ސަލީމް ވިދާޅުވިއެވެ.
"ކޮން ފެންވަރެއްގެ ކޮން ބަޔަކު އެތަންތާނގައި މިނިމަމް ސްޓޭންޑާޑްގައި ކަނޑައަޅަން ޖެހޭނެ. އަދި ދާއިމީ މުވައްޒަފުންގެ އަދަދުވެސް ދާއިމީ ގޮތެއްގައި ތިބެން ޖެހޭނެ މިންގަނޑެއް އެބަ ކަނޑައަޅަން ޖެހޭ." މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ސަލީމް ވިދާޅުވީ ޒަމާނަށް މި އަންނަ ބަދަލާއެކުގައި ކިޔަވައިދިނުން ވެސް އާ ގޮތްތަކަކަށް ބަދަލު ވަމުންދާ ކަމަށެވެ. ޚާއްސަ ގޮތެއްގައި ޑިސްޓެންސް ލާނިންގް އަކީ މިހާރު ވަރަށް އާންމު ވަމުން އަންނަ ކަމެއްކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ޔުނިވާސިޓީތަކުގައި ވެސް އެއީ އޮންނަން ރަނގަޅު ކަމެއް ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ޑިސްޓެންސް ލާނިންގް އޮންނަން ވާނީ ވަކި ނިސްބަތަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"މުވައްޒަފުން ހަމަ ތަންތަނުގައި، އަދި ލެކްޗަރާއިން ރަނގަޅު ތަންތަނުގައި ދަރިވަރުންނާ އެކުގައި ކްލާސްރޫމްގައި ކިޔަވައިދެވޭނެ ގޮތްތައް އޮތުން މާ ރަނގަޅުހެން އަޅުގަނޑަށް ހީވަނީ." މެމްބަރު ސަލީމް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މި އިގްތިޞާދީ ގޮތުން ދަތި އުނދަގޫ ދަނޑިވަޅެއްގައި މި ސަރުކާރުން ހިންގި އެންމެ ރަނގަޅު އަދި ފައިދާހުރި މަޝްރޫއަކީ ދިވެހި ދަރިންނަށް ކިޔަވައިދިނުމުގެ މަޝްރޫއު ކަމަށެވެ. އެއީ އެންމެ ކާމިޔާބުކަމާއެކު އެންމެ ރަނގަޅަށް ކުރިއަށް ދާ މަޝްރޫއު ކަމަށް މެމްބަރު ވިދާޅުވިއެވެ.
"މިހާތަނަށް 15،197 ދަރިވަރުންނަށް ހިލޭ ޑިގްރީ މި ސަރުކާރުން ފޯރުކޮށްދީފި. އޭގެ ތެރެއިން 5،113 ދަރިވަރުން ކިޔަވާ ނިންމާ، މިހާރު ވަޒީފާތަކުގައި މަސައްކަތް ކުރަމުންއެބަދޭ." މެމްބަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ޝަރުތައް ލުޔެއް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.
އެ ބިލުގައިވާ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވެފައިވާ ނަމައެވެ.
މިހާރު ގާނޫނު ބުނާގޮތުން ޔުނިވާސިޓިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މެދުކެނޑުމެއް ނެތި 20 އަހަރު ކޮލެޖެއްގެ ގޮތުގައި ހިންގަމުންދާނަމައެވެ. ގާނޫނުގައިވާ ގޮތުން ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ނަމަވެސް ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެއެވެ.
ބިލުގައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ޚިދުމަތް ދިނުމުގެ މިންގަނޑުތައް ކަނޑައެޅުމަށް މިނިސްޓްރީއަށް ދީފައިވާ ބާރު ގާނޫނަށް ބަދަލު ކުރުން ހިމެނެއެވެ.