މިނީ ބަހުގެ ޚިދުމަތް އިތުރު ދެހަފުތާއަށް ހިލޭ ދިނުމަށް އެމްޓީސީސީން ނިންމައިފި

މާލޭގައި މިނީ ބަހުގެ ދަތުރުތައް ފެށުން -- ސަންފޮޓޯ/ ނާއިލް ހުސައިން

އެމްޓީސީސީން ހުޅުމާލެ އާއި މާލޭގައި ދެމުންގެންދާ މިނީ ބަހުގެ ހިދުމަތް އިތުރު ދެހަފުތާއަށް ހިލޭ ދިނުމަށް ނިންމައިފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިނީ ބަހުގެ ހިދުމަތުން ފީ ނެގުން އިތުރު ދެހަފްތާއަށް ފަސްކުރުމުގެ މައިގަނޑު ސަބަބަކީ އާއްމު ރައްޔިތުން ބަސް ރޫޓުތަކަށް އަހުލުވެރިކުރުވުން ކަމަށެވެ.

"ބަސް ރޫޓުތަކަށް މިހާރަށްވުރެ ބޮޑަށް މީހުން އަހުލުވެރި ކުރުވަން އެބަޖެހޭ. އަދި ޓިކެޓް ނަގާ އެޕްލިކޭޝަނަށްވެސް މީހުން އަހުލުވެރިކުރުވަން ޖެހޭކަމަށް ފެންނާތީވެ، އަގުނެގުން ފަސްކުރަން ނިންމީ،" އާޒިމް ވިދާޅުވިއެވެ.

އާއްމު ރައްޔިތުންގެ ފަރާތުން މިނީބަހުގެ ހިދުމަތަށް ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން ޖުމްލަ ގޮތެއްގައި ކޮންމެ ދުވަހަކު 9500 އަށްވުރެ ގިނަ ފަސެންޖަރުން މިނީ ބަހުގެ ހިދުމަތް ހޯދައެވެ.

އާޒިމް ވިދާޅުވީ މިނީބަހުގެ ހިދުމަތް އާއްމު ރައްޔިތުން ވަރަށްބޮޑަށް ބަލައިގަނެފިކަމަށާއި، ބަސްތައް ދަތުރުކުރަނީ ފުލްކޮށްކަމަށެވެ. މިނީ ބަހުގެ ރޫޓުތަކަށް އާއްމު ރައްޔިތުން އަހުލުވެރިކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރުވެސް ކުރަމުން ގެންދެއެވެ.

އެމްޓީސީސީގެ މިނީބަހުން މިހާރު ދަތުރުކުރެވެނީ އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނަގައިގެންނެވެ. ބަހުގެ ހިދުމަތް ހޯދާ ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަކުރުމުގެ ގޮތުން އިތުރު ދެ ގޮތަކަށް ޓިކެޓް ނަގައިގެން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިނީބަހުން ދަތުރަކަށް ނަގަން ނިންމާފައި ވަނީ ހަތް ރުފިޔާއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން މާލެ އާއި ހުޅުމާލޭގައި މިނީ ބަހުގެ ދަތުރުތައް ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. މިނީބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން 41 މިނީބަސް ރާއްޖެ ގެނެސްފައިވާއިރު މާލެ އާއި ހުޅުމާލޭގައި ބަހުގެ ހިދުމަތްދިނުމަށް 18 މިނީބަސް ބޭނުންކުރެއެވެ.

މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މާލޭގެ ބޮޑެތި މަގުތައް ހިމަނައިގެން މިނީބަހުގެ ދަތުރުތައް ފަށާފައިވާއިރު، މިނީބަހުގެ ހިދުމަތް ދެމުންގެންދަނީ މާލެ އާއި ހުޅުމާލެ އާއ ދެމެދު ކުރާ ބަސްދަތުރުގެ ރޫޓާއި މިނީ ބަހުގެ ރޫޓްވެސް ގުޅުވާލައިގެންނެވެ.

comment ކޮމެންޓް