ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި

ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތްކަތަށް ބަންދުކުރާނެ ސަރަހައްދު: އެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި -- ފޮޓޯ/ އެމްޕީއެލް

ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލްއިން މިއަދު އެދިއްޖެއެވެ.

އެމްޕީއެލްއިން ކުރި އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނުމަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނިންމަން ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި އެ މަސައްކަތުގެ ތެރެއިން، މާލޭ ނޯތުހާބަރު ސަރަހައްދުގެ މަސައްކަތް އަންނަ ހޮނިހިރުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ބާޒާރުމަތީގައި ކަނޑު އުޅަނދުތައް އަޅާފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު

މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ސެގްމެންޓަކަށް ބަހާލައިގެންނެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދެކެވެ. އެގޮތުން، މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު އަންގައި ދިނުމުގެ ގޮތުން، ވާޓާރުގައި މާކު ޖަހާފައިވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްއިން އެދުނީ ފުރަތަމަ ސެގްމެންޓުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތައް، އަންނަ ހުކުރު ދުވަހުގެ މެންދަމު 00:00 ގެ ކުރިން ނެގުމަށެވެ.

އެ ސަރަހައްދަކީ ވަރަށް ގިނަ އަދަދަކަށް ދޯނިތައް އަޅާފައި އޮންނަ ސަރަހައްދެކެވެ. ވަކިން ޚާއްސަކޮށް މުށި މަހަށްދާ އޮޑި ފަހަރާއި، އެއް ދުވަސްތެރޭ މަހަށް ގޮސް ހަމަ އެ ދުވަހު މަހުން އަނބުރާ އައިސް އަޅާ އޮޑިދޯނިފަހަރުތަކުން އެ ސަރަހައްދު އޮންނަނީ ފުރި ބާރުވެފައެވެ.

https://sun.mv/215024

ފާހަގަކޮށްލެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ތިން މަސްދުވަހުގެ މަސައްކަތަށް ފަހު، މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްފަހު އާންމުންނަށް ހުޅުވައިލީ މިދިޔަ ހޯމަ ދުވަހެވެ. އެ ސަރަހައްދުގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަވާނެހެން، ހަތަރު ލޭނާއި މަގުގެ ދެ ފަރާތުގައިވާ ދުވާރު ވަނީ ފުޅާކޮށްފައެވެ.

ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22ވަނަ ދުވަހެވެ.

ގާތްގަނޑަކަށް 144.5 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަހުން ނިންމާ ގޮތަށެވެ.

comment ކޮމެންޓް