ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުގެ ފައިނަލްގައި ނަބީހް ކިޔަވައިފި

42 ވަނަ ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް މުބާތުގައި ރާއްޖެ ތަމްސީލުކުރާ އަލްހާފިޒް އަހްމަދު ނަބީހު ކިޔަވަނީ --- ފޮޓޯ/ ކީރިތި ޤުރުއާނާބެހޭ މަރުކަޒު

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް، 42 ވަނަ ކިންގް ޢަބްދުލް ޢަޒީޒް އިންޓަނޭޝަނަލް މުބާތުގައި ރާއްޖެ ތަމްސީލުކުރާ އަލްހާފިޒް އަހްމަދު ނަބީހު ކިޔަވައިފިއެވެ.

ސަތޭކަ އެގާރަ ޤައުމަކުން 153 ބައިވެރިން ބައިވެރިވި އެ މުބާރާތުގައި ދެ ދިވެހީން ކިޔަވާފައިވާއިރު ފައިނަލް ބުރަށް ހޮވުނީ ނަބީހް އެކަންޏެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އިލްޔާސް ޖަމާލް މިއަދު 'ސަން'އަށް ވިދާޅުވީ ފަހުގެ ތާރީޚެއްގައި އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ތަމްސީލުކޮށް ކިޔެވި ހަމައެކަނި ބައިވެރިއަކީ ނަބީހް އެކަނި ކަމަށެވެ.

އެ މުބާރާތާ ގުޅޭގޮތުން މަދީނާގައި ހުރި ނަބީހްގެ މަންމަ އައިމިނަތު މުހައްމަދު 'ސަން'އަށް ބުނީ މުބާރާތުގެ ފުރަތަމަ ބުރުގައި ނަބީހް ކިޔެވީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި ދެވަނަ ބުރުގައި ނަބީހް ކިޔަވާފައިވަނީ ފާއިތުވި ބުރާސްފަތި ދުވަހު ކަމަށް ވެސް އައިމިނަތު ބުންޏެވެ.

އައިމިނަތު ބުނީ ދެވަނަ ބުރުގެ ކިޔެވުން އޮތީ ޙަރަމުގައި ކަމަށެވެ. އަދި ހާމަ ތަނެއްގައި ކިޔަވަން ޖެހުނުއިރު ސިވިއާ އޯޓިޒަމް ހުންނަ ނަބީހްއަށް އެތަނުގައި އުނދަގޫތަކެއް ހުރި ކަމަށް ވެސް އެނާ ބުންޏެވެ.

"އެއީ ހާމައަށް އޮތް ތަނެއް. އެތަނުން ނަބީހް އަށް ދެ ދޫނި ފެނިގެން ކިޔެވުމަށް ކޮންމެސް ވަރަކަށް އަސަރު ކުރި. ދޫނި އެއީ ނަބީހް ވަރަށް ބޮޑަ ބިރުގަންނަ އެއްޗެއް،" އައިމިނަތު ބުންޏެވެ.

ނަބީހްގެ މަންމަ އައިމިނަތު ކިޔައިދިން ގޮތުގައި އެ އުނދަގުލާއެކުގައި ވެސް ނަބީހްގެ ކިޔެވުން މާތްﷲގެ އިރާދަފުޅާއެކު ރަނގަޅެވެ.

އައިމިނަތު ބުނީ މުބާރާތުގެ ފައިނަލްގެ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ބެލެވެނީ މި މަހުގެ 22 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. މުބާރާތުގެ ކަންކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދެއްވި އެހީތެރިކަން ވެސް އޭނާ ފާހަގަކުރިއެވެ.

އެކި ގައުމުތަކުގެ ބޮޑެތި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރަމުންދާ ނަބީހް އަކީ މިއަދު މިގައުމު އެ ކުއްޖަކަށްޓަކައި ފަޚުރުވެރިވާ ކުއްޖެކެވެ.

comment ކޮމެންޓް