ބީއޭ ނަސީމް އަވަހާރަވެއްޖެ

ބީއޭ ނަސީމް (ވ) ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ރޭ ފަތިހު އޭނާ ވަނީ ނިޔާވެފައި--

ރާއްޖޭގެ އެންމެ ފުރަތަމަ ބެޗްލާ އޮފް އާޓްސް (ބީއޭ) ހާސިލް ކުރެއްވި، މަޝްހޫރު ޝެއިހް އާދަމް ނަސީމު ( ބީއޭ ނަސީމް) މިއަދު އަވަހާރަވެއްޖެއެވެ.

ރޭ ފަތިހު ނަސީމް އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ކަށުނަމާދު އޮތީ މިއަދުގެ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ނަސީމަކީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ދުވަސްތަކެއް ވަންދެން އެމްޑީޕީގައި އުޅުއްވުމަށް ފަހު، ފަހުން ވަނީ އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ސިޔާސީ ގޮތުން އިސްލާހީ ހަރަކާތްތައް ހިންގެވުމުގެ އިތުރުން ނަސީމަކީ ދީނީ ތައުލީމާއި މައުލޫމާތު ރާއްޖޭގައި ފެތުރުއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ދީނީ ފޮތްތައް ވެސް ލިޔުއްވައި ނެރުއްވިއެވެ.

އިންޑިޔާގެ މަޝްހޫރު މުސްލިމް ޔުނިވާސިޓީއެއް ކަމުގައިވާ އަލީގަޅު ޔުނިވާސިޓީން ބީއޭ ފާސް ނަންގަވައިގެން މަޖީދިއްޔާގެ ޓީޗަރަކަށް ނަސީމް ވެވަޑައިގަތީ 1965 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 16ގައެވެ. ކިޔަވައިދެއްވީ ހިސްޓްރީއެވެ. ރާއްޖޭން ފުރަތަމަ ބީއޭ ހާސިލް ކުރެއްވި ބޭފުޅާއަށް ނަސީމް ވުމާއެކު އޭނާއަށް ބީއޭ ނަސީމްގެ ނަމުން މުހާތަބު ކުރަން ފެށިއެވެ.

ނަސީމް އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުޒިޔާ ކިޔަމުންނެވެ. އަދި އޭނާގެ ޚިދުމަތް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް