ޓީ20 މައިލޯ ކުރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ކާމިޔާބުކުރީ މިލާން އާއި މާލޭ ވެޓަރަންސް

ޓީ ޓްވެންޓީ މައިލޯ ކުރިކެޓު މުބާރާތުގެ ތެރެއިން --- ފޮޓޯ/ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް

މިހާރުކުރިއަށްދާ ޓީ ޓްވެންޓީ މައިލޯ ކުރިކެޓު މުބާރާތުގައި މިއަދު ކުޅުނު މެޗްތައް މިލާން ކުރިކެޓް އެކަޑަމީ އާއި މާލޭ ވެޓަރަންސް ކާމިޔާބުކޮށްފިއެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗުގައި މިލާން ކުރިކެޓް އެކަޑަމީ އާއި ސީބީއެލް ބައްދަލުކުރި މެޗް މިލާނުން ކާމިޔާބުކުރީ 29 ލަނޑުންނެވެ. ޓޮސް ދިމާވުމުން މިލާން ގަސްދުކުރީ ކުޅުމަށެވެ. މެޗުގައި އަޒިޔާން އާއި އާދަމް ނާސިފު ފުރަތަމަ ހަތް އޯވަރުގެތެރޭގައި 83 ލަނޑުހެދިއެވެ. 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން މިލާންއަށް ހެދިފައިވަނީ 166 ލަނޑެވެ.

ޖަވާބުގައި ސީބީއެލް ކުޅެންއަރާ 18 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 137 ލަނޑެވެ. ސީބީއެލްގެ މުހަންމަދު އަޒްހަރު ވަނީ 60 ލަނޑު ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މިއަދު ކުޅުނު ދެވަނަ މެޗުގައި ވެސްޓް ސްޕޯރޓްސް ކްލަބާއި މާލޭ ވެޓަރަންސް ބައްދަލުކުރިމެޗު މާލޭ ވެޓަރަންސް ކާމިޔާބުކުރީ ނުވަ ވިކެޓުންނެވެ. ޓޮސް ދިމާވުމުން ވެސްޓް ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 55 ލަނޑެވެ.

ވެސްޓުން އެންމެ ރަގަޅަށް ކުޅުނީ 12 ލަނޑު ހެދި އަބްދުﷲ ޒިޔާދެވެ. ޖަވާބުގައި މާލޭ ވެޓްރަންސް ކުޅެންއަރާ ފަސް ވަނަ އޯވަރުގައި 57 ލަނޑު ހަދައި މެޗް ކާމިޔާބުކުރިއެވެ. މި މެޗުގައި މާލޭ ވެޓަރަންސްގެ ތާރަކަ 45 ލަނޑު ހެދިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ތާރަކައެވެ.

މިމުބާރާތުގެ މެޗުތައް ދެން އޮންނާނީ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކޮމެޓްސް އާއި އޮފްއެފްސީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސީބީއެލް އާއި ވިޔާންޒާއެވެ.

comment ކޮމެންޓް