ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނާއި ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ކުރިއަށްގެންދާ ބޯހިމެނުމުގެ މަސައްކަތަށް އާންމުންގެ އެއްބާރުލުން ލިބޭ ކަމަށް އެ ބިއުރޯއިން މިއަދު ބުނެފިއެވެ.
އެންމެ ފަހުގެ ބޯހިމެނުން 2014 ވަނަ އަހަރު ބޭއްވިއިރު އޭރުގެ ސިޔާސީ މަޝްރަހު އޮތްގޮތުން އެކަމަށް ބައެއް މީހުން އެއްބާރުލުން ނުދިނެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތް ދަނީ އެ ބިއުރޯއިން ބޭނުންވާ ސްޕީޑްގައި ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ބޭފުޅުން ރާއްޖޭގެ ހުރިހާ ރަށެއްގެ ގެތަކަށް ވަދެ މައުލޫމާތު އަންނަނީ އެއްކުރަމުންނެވެ.
ބޯހިމެނުމުގެ މަސައްކަތް އަންގާރަ ދުވަހު ފަށާފައިވާއިރު އެ މަސައްކަތަށް ބޭނުން ކުރަމުން ދާ ދަރުބާރުގެއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވަޑައިގެން، އެ މަސައްކަތުގައި ބައިވެރިވާ މީހުންނާ ބައްދަލުކުރައްވާފައެވެ.
ރައީސް ވިދާޅުވީ ބޯހިމެނުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން ބޯހިމަނައިގެން ލިބޭ މައުލޫމާތު ރާއްޖޭގެ ހާލަތު ދެނެގަތުމަށާއި ކުރިއަށް އޮތް ތަނުގައި ތަރައްގީގެ މަޝްރޫއުތައް ރޭވުމަށް ބޭނުން ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ މަސައްކަތުގެ ފުރަތަމަ ދެ ދުވަހު ކޮށްފައިވަނީ ބޯހިމެނުމުގެ ލިސްޓިންގެ މަސައްކަތެވެ. އެގޮތުން މީހުން ދިރިއުޅޭ ގޭގޭގައި ހުރި ކޮޓަރީގެ އަދަދާއި ދިރިއުޅޭ މީހުންގެ ލިސްޓު ނަގާނެއެވެ. އަދި މަސައްކަތް ހިންގާ ތަނެއް ނަމަ މަސައްކަތް ކުރާ މީހުންގެ އަދަދު ނަގާނެއެވެ. އެކަންކަމާ ބެހޭ ތަފްސީލީ މައުލޫމާތު ނަގާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 25ގެ ނިޔަލަށެވެ.
ބޯހިމެނުގެ މަސައްކަތުގެ ތެރެއިން އެއްކުރާނެ މައުލޫމާތުގެ ތެރޭގައި ކޮންމެ ރަށެއްގައި ދިރިއުޅޭ ދިވެހީންނާއި ބިދޭސީންގެ އަދަދާއި އާބާދީ އިތުރުވާ މިންވަރާއި އުމުރުފުރާތަކަށް އަންނަ ބަދަލާއި މީހުން ހިޖުރަ ކުރާ މިންވަރާއި މަސައްކަތު އާބާދީ ހިމެނެއެވެ. އަދި އެ ސާވޭގެ ތެރެއިން، ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ވެސް ދެނެގަންނާނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގައެވެ. އެއަށްފަހު ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، 1931 ވަނަ އަހަރު މެދުކެނޑުމެއްއައެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ސާވޭއިން ދެއްކި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.