އިންޑިއާގެ އާބާދީ ގުނުމުގެ ބޮޑު މަޝްރޫޢު 3 މިލިއަން އޮފިޝަލުންނާއެކު ފަށައިފި

އިންޑިއާގައި ތިން މިލިއަނަށްވުރެ ގިނަ އޮފިޝަލުންނާއެކު ދުނިޔޭގެ އެންމެ ބޮޑު ބޯހިމެނުމުގެ މަޝްރޫޢު ވަނީ ފަށާފައެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ކުރިއަށްގެންދާ ފުރަތަމަ ޑިޖިޓަލް ބޯހިމެނުމެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހުގެ 31 އަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފިޔަވަހީގައި ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރާއިރު، ދެވަނަ ފިޔަވަހީގައި އިޖުތިމާޢީ، އިޤުތިޞާދީ، ދީނީ އަދި ނަސްލީ މަޢުލޫމާތު އެއްކުރުމަށް ވަނީ ނިންމާފައެވެ.

  • 3 މިލިއަނަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވޭ
  • މިއީ އިންޑިއާގެ ފުރަތަމަ ޑިޖިޓަލް ބޯހިމެނުން
  • މަސައްކަތް ކުރިއަށްދާނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެން
  • އެންމެ ފަހުން އިންޑިއާގައި ބޯހިމަނާފައިވަނީ 2011 ވަނަ އަހަރު
  • މިހާރު އެ ޤައުމުގެ އާބާދީ 1.4 ބިލިއަނަށްވުރެ ގިނަވާނެކަމަށް ލަފާކުރެވޭ

ދުނިޔޭގައި ކުރިއަށްގެންދާ އާބާދީ ގުނުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ އިންޑިއާގެ ބޯހިމެނުމުގެ މަސައްކަތް، ތިން މިލިއަނަށްވުރެ ގިނަ އޮފިޝަލުންނާއެކު މިއަދު ފަށައިފިއެވެ.

މިއީ އިންޑިއާގެ ތާރީޚުގައިވެސް ޑިޖިޓަލްކޮށް ކުރިއަށްގެންދާ ފުރަތަމަ ބޯހިމެނުމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ލަސްވެފައިވާ މި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަހަށް ދެމިގެންދާނެއެވެ. އަދި މި މަސައްކަތް އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގޭބިސީތަކާއި ދިރިއުޅުމުގެ ހާލަތާ ގުޅޭ މަޢުލޫމާތު އެއްކުރާނެއެވެ. މި މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ ގޭގެއަށް ޒިޔާރަތްކޮށްގެންނާއި، ޚާއްޞަ ސްމާޓްފޯން އެޕްލިކޭޝަނެއް މެދުވެރިކޮށް އޮންލައިންކޮށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ފަށާ ދެވަނަ ފިޔަވަހީގައި، މީހުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތާއި، ދީނާއި، އަދި ކާސްޓް ނުވަތަ ނަސްލީ ގިންތިތަކާ ގުޅޭ ތަފުސީލީ މައުލޫމާތު އެއްކުރާނެއެވެ. އިންޑިއާގައި ކާސްޓް ނިޒާމަކީ ވަޒީފާއާއި ތައުލީމާއި އިގުތިސާދީ ފުރުސަތުތައް ކަނޑައެޅުމުގައި ނުފޫޒުގަދަ ނިޒާމަކަށްވާއިރު، މީގެ ކުރިން ސަރުކާރުތަކުން ވަނީ މި މައުލޫމާތު އެއްކުރުމަށް ދެކޮޅުހަދާފައެވެ. ސަބަބަކީ މީގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުން އުފެދިދާނެކަމުގެ ބިރު އޮތުމެވެ. އެންމެ ފަހުން ކާސްޓްގެ ތަފުސީލީ މައުލޫމާތު އެއްކޮށްފައިވަނީ 1931 ވަނަ އަހަރު އިނގިރޭސީންގެ ވެރިކަމުގައެވެ. އޭގެ ފަހުން 1951 ވަނަ އަހަރުން ފެށިގެން ގުނަމުން އައީ ހަމައެކަނި ދަށް ފަންތީގެ ކާސްޓްތަކެވެ.

މި ބޯހިމެނުމުން ލިބޭ މަޢުލޫމާތަކީ ސަރުކާރުގެ ވެލްފެއާ ޕްރޮގްރާމްތަކާއި ޢާންމު ސިޔާސަތުތައް އެކުލަވާލުމަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ. އަދި އާބާދީއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތައް އިތުރުކުރުން ފަދަ ސިޔާސީ ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. ދެހާސް ތޭވީސް ވަނަ އަހަރު ފާސްކުރި ގާނޫނެއްގެ ދަށުން މަޖިލީހުގެ ތިންބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ޚާއްސަކޮށްފައިވުމާއެކު، ގޮނޑިތައް އިތުރުވެއްޖެނަމަ އަންހެން މެންބަރުންގެ އަދަދުވެސް އިތުރުވެގެންދާނެއެވެ.

އިންޑިއާގައި އެންމެ ފަހުން ބޯހިމަނާފައިވަނީ 2011 ވަނަ އަހަރުއެވެ. އޭރު އާބާދީގައި 1.21 ބިލިއަން މީހުން ތިބިއިރު، އދ. ގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު އިންޑިއާ ވަނީ ޗައިނާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ވެފައެވެ. މިހާރު އެ ޤައުމުގެ އާބާދީ 1.4 ބިލިއަނަށްވުރެ ގިނަވާނެކަމަށް ލަފާކުރެވެއެވެ.

comment ކޮމެންޓް