47 ސިކުންތުން ބޯކޮށައިގެން ވޯލްޑް ރެކޯޑުފޮތަށް

ސާޅީސް ހަތް ސިކުންތުން މީހެއްގެ ބޯ ކޮށިދާނެ ހެއްޔެވެ؟ އަދި ކޮށާ ނިންމާއިރު އެންމެ ބޭނުންވާ ގޮތަށް ހުރެދާނެ ހެއްޔެވެ؟ ގަބޫލުކުރަން އުނދަގޫވިޔަސް މިފަހަރު މިއޮތީ މިކަންވެސް ކޮށްފައެވެ.

ގްރީސްގެ އެތަންސްއަށް ނިސްބަތްވާ ކޮންސްޓެންޓިނޮސް ކޫޓޯޕިސް ވަނީ 47 ސިކުންތު ތެރޭ މީހެއްގެ ބޯ ކޮށާލައި، 'ޕާފެކްޓް ހެއާ ކަޓް' އެއް ދީފައެވެ. އޭނާ ބޯ ކޮށާތަނުގެ ވީޑިއޯ ހިއްސާކޮށް ފައިވަނީ ގިނަސް ވޯލްޑް ރެކޯޑްސްގެ އޮފިޝަލް ޓްވިޓާ އެކައުންޓުގައެވެ.

މި ވީޑިއޯ އިން ފެންނަނީ 47 ސިކުންތު ތެރޭ ފުނަލަކާއި ޓްރިމަރަކުން 'ޕާފެކްޓް ހެއާކަޓް' އެއް ދޭތަނެވެ. މިއީ ވޯލްޑް ރެކޯޑް ހެދުމަށް ނަގާފައިވާ ވީޑިއޯ އެއްކަން އެނގޭ އިރު، ބޯ ކޮށާ ނިމުމުން އޭނާގެ ބޯ ކޮށާފައިވޭތޯ މީހަކު އައިސް ޔަގީންކުރެއެވެ. ޔަގީންކޮށްފައި ވަނީ އިސްތަށިގަނޑުގެ އެކި ސަރަހައްދުގައި ފަތިގަނޑަކުން ޖައްސާ މިން އެޅުމަށްފަހުއެވެ. އަދި، ޔަގީން ވުމުން އޭނާއަށް ވޯލްޑް ރިކޯޑު ހެދިފައިވާ ކަމަށް އިއުލާންކުރެއެވެ.

މި ވީޑިއޯ ވައިރަލްވުމާއެކު، ހެއާސްޓައިލިސްޓު ގެންގުޅުނު ޓެކްނިކް އާއި ސްޓައިލާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އެއީ، ބޯ ކޮށުމުގެ ކުރިންނާއި ފަހުންވެސް ހެއާ ސްޓައިލް ހުރީ ދާދި އެއްގޮތަކަށް ކަމަށްވެފައި ހަމަ އެކަނި ކުރުވީ ކަމަށް ބުނެއެވެ.

އެހެންނަމަވެސް، ބައެއް ފަރާތްތަކުން ވަނީ ގްރީސްގެ ހެއާ ސްޓައިލިސްޓަށް ތައުރީފްކޮށް އެއީ ތަފާތު ހުނަރެއް ލިބިފައި ހުރި މީހެއް ކަމަށް ބުނެފައެވެ.

comment ކޮމެންޓް