އިބްރާހީމް މަނިކު: ބްރޯޑްކާސްޓިންގެ އެންމެ ދަށުން އެންމެ އުހަށް!

އެންމެ ފުރަތަމަ މީހުންނަށް ކަމުދިޔައީ އެ އަޑެވެ. "ގިތެޔޮގުޅިން ނެގި ލޯބި"، "ނެގި ގާގަނޑު،" ފަދަ ރޭޑިއޯ ޑްރާމާތަކުން އޭނާ އާންމުންގެ ލޯބި ހޯއްދެވިއެވެ. އެއަށް ފަހު ދިވެހީންގެ އިތުބާރު އޭނާ ހޯއްދެވީ ހިންގުންތެރިކަމުގައި އަގުނުކުރެވޭ ފަދަ ބަދަލުތައް ބްރޯޑްކާސްޓިން ދާއިރާއަށް ގެނެސްދެއްވައިގެންނެވެ. ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ރޭ ލިބިވަޑައިގެންނެވި، ކުރީގެ އިންފޯމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ)ގެ ހިދުމަތްތައް އަގު ނުކުރެވޭހާ ގިނައެވެ.

ދިވެހި ރާއްޖޭގެ އަޑާ 1974 ވަނަ އަހަރުގެ ޖުލައި 24ގައި އިބްރާހީމް މަނިކު ގުޅިވަޑައިގަތީ އާދައިގެ ވަގުތީ ވަޒީފާއަކަށެވެ. އޭގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު އެހާތަނަށް މީޑިއާގެ ތަޖުރިބާއެއްވެސް ލިބިވަޑައިގެންފައެއް ނުވެއެވެ. އަޑުގެ ވަގުތީ ވަޒީފާއިން ދާއިމީ ވަޒީފާއަށް ބަދަލުވީ 1976 ވަނަ އަހަރުއެވެ. ކުރެއްވި ބުރަ، އަދި އިހުލާސްތެރި މަސައްކަތްތަކާއެކު އަޑުގެ ވެރިޔާގެ މަގާމާ ހަމައަށް ވަޑައިގެންނެވިއެވެ. އޭގެ ފަހުން 1980ގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމްގެ ވެސް ވެރިޔާގެ މަގާމު ލިބިވަޑައިގެންނެވިއެވެ. އޭގެ ފަހުން އެ ދާއިރާގެ ވަޒީރުކަން ވެސް ކުރެއްވިއެވެ. ދެހާސް ހަވަނަ އަހަރު ޔޫތު މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން 32 އަހަރު އިބްރާހީމް މަނިކު ވަނީ މެދުކެނޑުމެއް ނެތި ބްރޯޑްކާސްޓިން ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ.

އިބްރާހީމް މަނިކު(ވ) އަޑުގެ އޭރުގެ މުވައްޒަފުންނާއެކު-- ފޮޓޯ: އިބްރާހީމް މަނިކު

ބްރޯޑްކާސްޓިން ދާއިރާއިން ރާއްޖޭގައި ފަންނީ އަދި ތަޖުރިބާކާރު މީހުން މަދު އެ ޒަމާނުގައި އިބްރާހީމް މަނިކު ވަނީ ތަމްރީން ހޯދެއްވުމަށާއި މީހުން އެ ދާއިރާއިން ބިނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން ރޭޑިއޯ ޕްރޮގްރާމްތައް އުފައްދަން ދަސްކުރާ ކޯސްތައް އޭނާ ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ސިންގަޕޫރުން އޭރު ހައްދަވާފައެވެ. އޭގެއިން ދަސްވި އެއްޗެއްގެ ބޭނުން ހިއްޕަވައި މޮޅު އެތައް ޕްރޮގްރާމެއް އުފެއްދެވިއެވެ. ހާއްސަކޮށް އިބްރާހީމް މަނިކުގެ ރޭޑިއޯ ޑްރާމާތަކަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައެވެ. ތަމްރީންތަކުގެ ތަޖުރިބާގެ އަލީގައި އޭނާ ވަނީ އަޑުގައި މަސައްކަތް ކުރައްވާ އެހެން ޕްރޮޑިއުސަރުން ތަމްރީން ކުރައްވައިފައެވެ.

https://sun.mv/168214

އަޑާއި ޓިވީއެމް ޒަމާނީ ކުރެއްވި!

އެ ޒަމާނުގައި ޓީވީއެމް އާއި އަޑުން ފޮނުވާ ޕްރޮގްރާމްތައް ބަލައި އަޑު އެހުމަކީ އަތޮޅުތެރެއިން ފަސޭހަ ކަމެއް ނޫނެވެ. މާލޭގެ ހަބަރުތައް ރަށްރަށަށް ފޮނުވަން ޖެހެނީ ޓޭޕްތަކަށް ރެކޯޑްކޮށްގެން، މާލެ އަންނަ ބައްތެލިތައް މެދުވެރިކޮށެވެ. އެ ހާލަތުގައި އޮށްވައި 1998 ވަނަ އަހަރު ބ. އޭދަފުށީގައި އޮތް އަތޮޅުވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވަނީ 2000 ވަނަ އަހަރު އަންނަން ވާއިރަށް މުޅި ރާއްޖެއަށް ޓީވީގެ ހިދުމަތް ދޭނެކަން އިއުލާން ކުރައްވައިފައެވެ. އެއާއެކު އެ ބޮޑު މަޝްރޫއު ފެއްޓެވިއެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ އިބްރާހީމް މަނިކެވެ. މުޅި ރާއްޖެއަށް ޓީވީގެ ހިދުމަތް ފުޅާ ކުރެއްވީ އެބޭފުޅާގެ މޭސްތިރިކަމުގެ ދަށުގައެވެ.

މީޑިއާ އިވެންޓެއްގައި އިބްރާހީމް މަނިކު ރާއްޖޭން ބޭރުގައި: އޭނާ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ތަމްރީން ހެއްދެވި-- ފޮޓޯ: އިބްރާހީމް މަނިކު

ރާއްޖޭގެ ހުރިހާ ރަށަކަށް ޓީވީގެ ހިދުމަތް ދިނީ ކޮންމެ ރަށެއްގައި ޑިޝް އެންޓަނާއެއް ބަހައްޓައިގެންނެވެ. އެއާއެކު ކޮންމެ ރަށެއްގެ އޮފީހުގައި ޓީވީއެއް ބަހައްޓައި ވަކި ގަޑިތަކެއްގައި އާންމުންނަށް ޓީވީ ދައްކަމުން ދިޔައެވެ. އަދި އެޔަށް ފަހު އަތޮޅުތަކުގައި ޓްރާންސްމީޓަރު ބަހައްޓައިގެން މާލެއެކޭ އެއްގޮތަށް ޓީވީގެ ހިދުމަތް ފޯރުކޮށްދޭން ފެށިއެވެ. އެއާއެކު ހަބަރާއި މައުލޫމާތު ފެތުރުން ކުރިއަށް ވުރެން ބޮޑަށް ފުޅާވެ، ފަސޭހަވެގެން ދިޔައެވެ.

އޭގެ އިތުރުން ހަމައެކަނި މާލޭން ހަބަރާއި ޕްރޮގްރާމްތައް އުފެއްދުމުގެ ބަދަލުގައި އެކަން އަތޮޅުތެރެއަށް ވެސް ފުޅާކުރެއްވިއެވެ. ރާއްޖޭގެ ހަތް ސަރަހައްދެއްގައި މީޑިއާ ސެންޓަރުތައް ގާއިމުކޮށް، އެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންގެ އަޑުތައް ރޭޑިއޯއިން ގެނެވޭނެ ގޮތް ހަމަޖެއްސެވިއެވެ.

އިބްރާހީމް މަނިކު، އަޑުގައި އެކީގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއެކު-- ފޮޓޯ: އިބްރާހީމް މަނިކު

އިބްރާހީމް މަނިކުގެ ހިންގުންތެރި މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި 1990 ވަނަ އަހަރު ބޭއްވި ސާކް ސަމިޓްގެ ބޮޑު އޮޕަރޭޝަން ވެސް ހިމެނެއެވެ. އެހާތަނަށް ރާއްޖޭގެ މީޑިއާތަކުން އެފަދަ ބޮޑު އިވެންޓެއްގެ ކަވަރޭޖް ހަދާފައެއް ނުވެއެވެ. އެ ސަމިޓް މުޅި ދުނިޔެއަށް ލައިވް ކުރުމާއި ކަވަރު ކުރަން އަންނަ އެހެން ގައުމުތަކުގެ ނޫސްވެރިންގެ އިންތިޒާމުތައް ހަމަޖައްސަން ޖެހުނެވެ. އެ ޒަމާނުގައި އެ ފެންވަރަށް ކަންކަން އިންތިޒާމުކޮށް ކާމިޔާބު ކުރީވެސް އިބްރާހީމް މަނިކުގެ މޭސްތިރި ކަމުގައެވެ.

އިބްރާހީމް މަނިކުގެ ހިންގުންތެރި މާޒީން ދެން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އަނެއް ކަމަކީ އަޑާއި ޓީވީއެމްއަށް ގެނައި ޒަމާނީ ބަދަލުތަކެވެ. އަޕްލިންކް ކުރުމާއި ރޭޑިއޯ އާއި ޓީވީ ޒަމާނީކޮށް ކޮމްޕިއުޓަރު ބޭނުންކޮށްގެން ޕްރޮގްރާމްތައް ރެކޯޑްކޮށް ޕްރޮޑިއުސް ކުރަން ފެށީވެސް އިބްރާހިމް މަނިކުގެ އިރުޝާދުގެ ދަށުންނެވެ. އޭގެ އިތުރުން 1994 ވަނަ އަހަރު ޓީވީއެމް ޕްލަސްގެ ނަމުގައި ޗެނަލެއް އުފައްދަވައި ހޭޔަންބޯ ފަދަ މަޝްހޫރު ޝޯތައް ގެންނަން ފެށިއެވެ. ދިވެހި ވީޑިއޯ ލަވަ އާންމުވެ، މަޝްހޫރުވާން ފެށީ އެ ހިސާބުންނެވެ.

ކުރީގެ ދެ ވަޒީރުން ކަމަށްވާ އުމަރު ޒާހިރާއި އިބްރާހީމް މަނިކު-- ފޮޓޯ: އިބްރާހީމް މަނިކު

އިބްރާހީމް މަނިކުގެ އަނެއް ހާއްސަ ސިފަފުޅަކީ މޮޅު އުފެއްދުންތެރިކަމެވެ. އޭނާ އުފައްދަވާފައިވާ ޕްރޮގްރާމްތަކާއި އިވެންޓްތަކުގެ އިތުރުން ޝޯތައް ރާއްޖޭގައި ވަރަށް މަގުބޫލްވިއެވެ. އޭގެ ތެރޭގައި މާލެ އާއި އަތޮޅުތެރޭ ސްކޫލްތަކަށް ބޭއްވި ލަވަ މުބާރާތަކީ އެ ދާއިރާއިން އެތައް ތަރިންނެއް އުފެދުނު ސަބަބެކެވެ. ދިވެހި ފަންނާނުންގެ މިއުޒިކީ އީދާއި ހަފުތާ ނިންމުން ޝޯއިން އެތައް ތަރިންނެއް އުފެދުނެވެ. ކޮންމެ އަހަރަކު ރާއްޖޭގެ ކޮންމެ ވެސް އެއް ރަށެއްގައި ވަރަށް ފުޅާކޮށް އީދު ފާހަގަ ކުރެއްވިއެވެ. "ބާއްޖަވެރި ހެނދުނެއް"، "ތިޔަބޭފުޅުންގެ ފުރުސަތު" ފަދަ ޕްރޮގްރާމްތައް އުފެއްދުމުގެ މައި ސިކުނޑިއަކީ އިބްރާހީމް މަނިކެވެ.

އިބްރާހީމް މަނިކުގެ ބްރޯޑްކާސްޓިން ހަޔާތުގައި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ވެސް ގިނަ ފުރުސަތުތަކެއް ފަހި ކޮށްދެއްވިއެވެ. އެގޮތުން ދިވެހި ފަންނާނުން އުފައްދާ އަލްބަމްތަކާއި ޑްރާމާ އަދި ފިލްމްތައް ޓީވީއެމާއި އަޑަށް ގަނެ އެ ތަކެތި އާންމުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެއާއެކު އެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. ދިވެހި އެތައް އާ އުފެއްދުންތަކެއް ފެނިގެންދިޔައެވެ.

އިބްރާހީމް މަނިކު އޭރުގައި އަޑުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއެކު-- ފޮޓޯ: އިބްރާހީމް މަނިކު

ދިވެހީންގެ ތެރޭގައި ފުޓްބޯޅައިގެ ފޯރި އަބަދުވެސް ގަދައިރު އެފޯރި އިތުރަށް ވަރުގަދަ ކުރުމުގައި ވެސް އިބްރާހީމް މަނިކުގެ ދައުރު ބޮޑެވެ. އެގޮތުން ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް، ވޯލްޑްކަޕާއި ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތް ވަގުތުން ރާއްޖެއަށް ފެންނާނެ ގޮތް ހެދުމުގައި ވެސް އިސްކޮށް ހުންނެވީ އިބްރާހީމް މަނިކެވެ. މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ އޭރުގެ ރައީސް އަކަށް ވެސް ހުންނެވީ އޭނާއެވެ.

ބްރޯޑްކާސްޓިންގެ މަސައްކަތާ ރަސްމީކޮށް ދުރަށް ވަޑައިގެންނެވިތާ 16 އަހަރު ފަހުން، ރޭ މިވަނީ އިބްރާހީމް މަނިކުގެ އަގު ވަޒަން ކުރައްވައިފައެވެ. ހަގީގަތުގައި ވެސް އެއީ ވަރަށް ބޮޑު ހިދުމަތްތެރިއެކެވެ. ރާއްޖޭގެ މީޑިއާ ޒަމާނީ ކުރުމަށާއި ހާއްސަކޮށް ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑު ޒަމާނީ ކުރުމުގެ މޭސްތިރިޔާއަކީ އޭނާއެވެ. ރަސްމީ ވަޒީފާއިން ދުރަށްވަޑައިގެންނެވި ނަމަވެސް އޭނާގެ ހިތް އަދިވެސް އޮތީ ބްރޯޑްކާސްޓިން ދާއިރާއާއެކުއެވެ. ގޭގައި ރޭޑިއޯ ސްޓޭޝަނެއް ހައްދަވައި މިހާރު ވެސް އިންތިޒާރު އެ ކުރައްވަނީ އަލުން މަސައްކަތް ފެއްޓެވޭނެ ދުވަހަކަށެވެ.

comment ކޮމެންޓް