ބްރޯޑްކާސްޓިން ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ސަމަރޭ އާއި ޒާހިދާއަށް

މިރޭ ބޭއްވި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ހަފްލާގައި ބްރޯޑްކާސްޓިން ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހާސިލްކުރެއްވި ސަމަރު ބުލޫ އިބްރާހީމް މަނިކު -- ފޮޓޯ/ ރައީސް އޮފީސް

މިރޭ ބޭއްވި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ހަފްލާގައި ބްރޯޑްކާސްޓިން ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ސަމަރު ބުލޫ އިބްރާހީމް މަނިކް (ސަމަރޭ) އާއި މަރުހޫމާ ޒާހިދާ އިބްރާހީމް (ޒާހިދައްތަ)އަށް ދީފިއެވެ.

މި އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. މަރުހޫމާ ޒާހިދާގެ އެވޯޑާ ހަވާލުވީ އޭނާގެ ފަރާތުން އޭނާގެ ދަރިކަނބަލުންނެވެ.

ތައުލީމީ ދާއިރާގައިި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް 1974ވަނަ އަހަރު ޖުލައި މަހުގެ 24 ވަނަ ދުވަހު، ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރޭޑިއޯ މޯލްޑިވްސްގެ ވަގުތީ މުވައްޒަފަކަށް ސަމަރޭ ބަދަލުކުރެއްވިއެވެ.

ރޭޑިއޯގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ރޭޑިއޯގެ ދާއިމީ މުއައްޒަފަކަށް ބަދަލުވެ، 1976 ވަނަ އަހަރުންް ފެށިގެން، ރޭޑިއޯ ބްރޯޑްކާސްޓިން އާ ގުޅޭ ތަފާތު ކުރު ކޯސްތައް ފުރިހަމަކުރައްވައި، އަދި ފަހުން އިނގިރޭސިވިލާތާއި، އެމެރިކާއިން ވެސް، މަސައްކަތާ ގުޅޭ ކުރު ކޯސްތައް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ހަވަނަ އަހަރުން ފެށިގެން، ރޭޑިއޯގެ ޚިދުމަތާ ރަސްމީކޮށް ގުޅިވަޑައިގަތުމަށްފަހު ސަމަރޭ ވަނީ އެތަނުގެ އެނައުންސަރުންނަށް އިތުރު ތަމްރީނުތައް ދެއްވައި ރޭޑިއޯގެ ޕްރޮގްރާމަތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.

ދިވެހި ރާއްޖޭގެ އަޑުގެ އުމްރާނީ ތަރައްގީގަ ވެސް ސަމަރޭގެ ހިއްސާ ވަރަށްބޮޑެވެ. ރާނާ، އުވަޖަހައި، އަދި އޭރު އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ގުޅިގެން އަމިއްލަ ޖީބުން ހަރަދުކުރައްވައިގެންވެސް ދިވެހިރާއްޖޭގެ އަޑަށް ބަދަލުތަކެއް އޭނާ ގެންނެވިއެވެ.

ސަމަރޭ ވަނީ އިންފޮމޭޝަން މިނިސްޓަރުކަން ވެސް ކުރަށްވާފައެވެ.

އަލްމަރުހޫމާ ޒާހިދާ އިބްރާހިމް ބްރޯޑްކާސްޓިން ދާއިރާއާ ގުޅިވަޑައިގަތީ 50ހަކަށް އަހަރު ކުރިން 1968 ވަނަ އަހަރުއެވެ.

ޒާހިދާއްތަ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވިއެވެ. އޭނާ 2008 ވަނަ އަހަރުގެ އެޕްރީލް 20 ގައި ދިވެހިރާއްޖޭގެ އަޑުން ވަކިވެވަޑައިގެންނެވިއިރު އަދާކުރައްވަމުން ގެންދެވީ އެތަނުގެ ޑިރެކްޓަރެއްގެ މަގާމެވެ.

އެއަށްފަހު ސަންއެފްއެމް ގައިި ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމް އަހަރަކަށްވުރެ ގިނަ ދުވަހު ޒާހިދާ އަދާކުރެއްވިއެވެ. ބްްރޯޑްކާސްޓިން ދާއިރާއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، އޭނާއަށް ދިވެހި ސަރުކާރުން 1990 ގައި ވަނީ، މިނިވަން ފަންސަވީހުގެ އިނާމް ވެސް އަރުއްްވާފައެވެ.

ޒާހިދާއްތަ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވިއިރު އުމުރުފުޅަކީ 57 އަހަރެވެ.

މިރޭގެ ބްރޯޑްކާސްޓިން އެވޯޑު ހަފުލާގައި އެންމެ މޮޅު ޕްރެޒެންޓަރަކަށް ހޮވުނީ އައިމިނަތު ނަމްޒާއެވެ. އަދި އެންމެ މޮޅު ޚަބަރު ކިޔުންތެރިއަކަށް ހޮވުނީ ޢަބްދުﷲ މުއާޒެވެ.

މި އެވޯޑު ހަފުލާގައި ޖުރީ ސްޕެޝަލް އެވޯޑުގެ ގޮތުގައި ދެ އެވޯޑެއް ދިނެއެވެ. މި އެވޯޑަށް މޯލްޑިވިއަންގެ ފަރާތުން އިންޑިއާއަށް ދެކޮޅު ޓިކެޓު ހަދިޔާކޮށްފައިވެއެވެ.

އެގޮތުން ޖުރީ ސްޕެޝަލް އެވޯޑު ފުރަތަމަ ހާސިލްކުރެއްވީ ބެސްޓް ޕްރޮގްރާމް ފޯ ޓެކްނިކަލް އެކްސެލެންސް އިން ތޮއްޑޫ ދި އައިލެންޑް އޮފް ވޯޓާމެލަންއަށެވެ.

މޮސްޓް ޕްރޮމިސިން ޓީވީ ޕްރެޒެންޓާގެ ގޮތުގައި ޖުރީ ސްޕެޝަލްގެ ދެވަނަ އެވޯޑު ހާސިލްކުރެއްވީ މަޝްހޫރު ޓީވީ ޕްރެޒެންޓާ ޝަމްރާ ޝަމީމެވެ.

comment ކޮމެންޓް