ހައްމާދު ގަޔަށް ވަޅިހަރައި މޫދަށް އެއްލާލި އާސިފް 10 އަހަރަށް ޖަލަށް

ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އާސިފް: އޭނާއަށް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި ---

ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ވަނަ އަހަރުގެ ފަހުކޮޅު ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދަށް ވަޅިން ހަމަލަދީ މޫދަށް އެއްލާލި މައްސަލައާ ގުޅިގެން ހަމަ އެ ރަށު ބީޗްހައުސް، އިސްމާއިލް އާސިފް 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އއ. މާޅޮސް ބޭރުގައި އޮތް "ޖަރީ" ނަމަކަށް ކިޔާ ލަނޑާ ދޯންޏެއްގައި ހައްމާދަށް ހަމަލާދީ އޭނާ ޒަހަމްކޮށްލި މައްސަލައިގައި އާސިފްގެ މައްޗަށް އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.

އާސިފްއާއި ހައްމާދުއާ ދެމެދު އުފެދުނު ދީނީ ހިޔާލުތަފާތުވުމެއްގެ ސަބަބުން އާސިފް ވަޅިއަކުން ހައްމާދަށް ހަމަލާދީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ޒަހަމްކޮށްލި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. ހައްމާދު ނަގައި މޫދަށް އެއްލާލުމުން އޭނާ ފަތާފައި ގޮސް މާޅޮހަށް އެރީ ކަމަށް ފުލުހުން ބުންޏެވެ. ދޯނީގައި ދެން އުޅުނު މީހާއާއެކު އާސިފް މާޅޮހަށް އަރައި ހައްމާދު އަތުލަން މަސައްކަތްކުރި ކަމަށްވެސް ފުލުހުން ތުހުމަތު ކުރެއެވެ.

ހަމަލާދީ ޒަހަމްކޮށްލި ހައްމާދު އިތުރު ފަރުވާއަށް މާލެ ގެންނަނީ -----

އާސިފްގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިންކާރު ކުރުމުން ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މައްސަލައިގެ ތަހްގީގުގައި ހަރަކާތްތެރިވި ފުލުހުންނާއި ސިއްރު ހެކިންނެވެ.

ތަހުގީގު މަރުހަލާގައި ހައްމާދު ވަނީ އޭނާއަށް އާސިފް ހަމަލާދިން ކަމަށް ބުނެފައެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުން އެކަން ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ނިންމާފައެވެ.

ހައްމާދާ ޒުވާބެއް ހިންގައި ހަމަނުޖެހުން ހިންގި ކަމަށް އާސިފް އެއްބަސްވި ނަމަވެސް އޭނާ އަމަލުކޮށްފައިވާނީ އަމިއްލަ ނަފްސްގެ ދިފާއުގައި ކަމަށް އާސިފް ބުންޏެވެ. އަދި ދޯނިން ހައްމާދު މޫދަށް ފުންމާލީ އަމިއްލައަކަށް ކަމަށާއި އޭނާއަށް ލިބިފައިވާ ޒަހަމްތަކަކީ މާޅުހަށް އަރަން އުޅުމުގެ ތެރޭގައި މޫދުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ވެސް އާސިފް ބުންޏެވެ. ނަމަވެސް އެކަން ސާބިތު ކޮށްދެވޭ ވަރުގެ ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އެހެންކަމުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗަކުން ހަމަލާދިނުމުގެ ކުށުން އާސިފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އޭނާ 10 އަހަރަށް ޖަލަށްލުމަށް ގާޒީ ވަނީ ހުކުމް އިއްވާފައެވެ. އެ މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުކުރި ގޮތަށް އަދި ދޫކޮށްލާފައެއް ނުވެއެވެ. އެހެންވެ ދެން އާސިފް ތަންފީޒު ކުރަން ޖެހެނީ ހަތް އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ހައްމާދުގެ މައްޗަށް ވަނީ އެހެން ދައުވާއެއް ވެސް އުފުލާފައެވެ. އެއީ ކޯޓުން ބޭރުގައި ކުޑަކުއްޖަކާ "ކައިވެނި"ކޮށް އެ ކުއްޖާއާ މެދު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ.

comment ކޮމެންޓް