އޮފީސް ނިންމާލުމަށް ފަހު، އެކުވެރިޔަކާ އެކު މަގުމަތީ މަޑުކޮށްލައިގެން ހުއްޓައި ގޮވާލަނީ ފަތުރުވެރިންގެ ދެމަފިރިއެކެވެ. އެއީ މާބަނޑު އަންހެނަކާއި، އޭނާގެ ފިރިމީހާއެވެ. އެދުނީ އާންމުކޮށް ބޭނުންކުރެވޭ ފަދަ ފާޚާނާއެއް ހުރިނަމަ، އެތަން ދެއްކުމަށެވެ. އޭނާގެ އެދުމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ހަނދާންވީ އާންމު ފާޚާނާބަރިތަކުގެ ދެރަ ހާލަތެވެ. އެންމެ ފަހުން އެ މީހުން ފާޚާނާ ކުރަން ދައްކަން ޖެހުނީ އޮފީހުގެ މުވައްޒަފުން ބޭނުން ކުރާ ފާޚާނާއެވެ.
މިއީ ސޯސަންމަގުގައި ހުންނަ ސަރުކާރުގެ އޮފީހެއްގައި މަސައްކަތްކުރާ އެކުވެރިޔަކު ކިޔައިދިން ވާހަކައެކެވެ.
މާލެއަކީ ކާރޫބާރޫ ބޮޑު ރަށެކެވެ. ރާއްޖޭގެ ވެރިރަށަށް ވުމުން އެތައް ބަޔަކު މިރަށަށް ކޮންމެ ދުވަހަކު އަރާ ފައިބައެވެ. މީގެ ތެރޭގައި ދުނިޔޭގެ އެއްވަނަ ފަތުރުވެރިކަމުގެ މަންޒިލަށް ޒިޔާރާތްކުރުމުގެ ނިޔަތުގައި އަންނަ ފަތުރުވެރިން ވެސް ހިމެނެއެވެ. މިގޮތަށް ޒިޔާރާތްކުރާ އެންމެނަށް ވެސް އެންމެ މުހިއްމު އެއް ކަމަކީ ފާޚާނާކޮށްލާނެ ތަނެއް ހުރުމެވެ.
މިއީ އާ މައްސަލައެއް ނޫނެވެ. މި ކަމަށް ހައްލު ހޯދުމަށްޓަކައި އެކި ފަހަރު މަތިން އެކިވަރުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ. ނަމަވެސް، މިހާތަނަށް ފެންނަނީ މި މައްސަލައަށް އެންމެ އެދެވޭ ހައްލެއް ގެނެވިފައި ނުވާތަނެވެ.
އާންމު ފާޚާނާތައް ވީރާނާވެފައި، ޕޭ ޓޮއިލެޓުތަކުގެ ފެންވަރު ދަށް
މީގެ ތިން އަހަރު ކުރިން މަސްވެރިންގެ ޕާކު ސަރަހައްދުގައި ފަތުރުވެރިންނަށް ޚާއްސަކޮށް މަރުކަޒެއް ހުޅުވިއެވެ. ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި މި ތަން ވީ މާލެ ބަލައިލަން އަންނަ ފަތުރުވެރިންނަށް ބޭނުންވާ ގިނަ ޚިދުމަތްތައް ލިބެންހުރި ތަނަކަށެވެ. އޭގެތެރޭގައި ގެސްޓު ރިލޭޝަންސް އޮފީހަކާއި، ފާޚާނާ ބަރިއެއްގެ އިތުރުން، މަޑުކޮށްލައިގެން ތިބެވޭނެ ޖާގަތައް ހިމެނުންވީ، ޚާއްސަކޮށް ކްރޫޒް ލައިނާތަކުން އަންނަ ފަތުރުވެރިންނަށް ލިބުނު ލުޔަކަށެވެ.
ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އޭރު އޮތް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރަށް އެ އިމާރާތް ނެގިފަހުން، މިހާރު ހުރީ ބޮޑު މަރާމާތަކާ ނުލައި، ބޭނުން ނުހިފޭވަރަށް ހަލާކުވެފައެވެ. މިހާރު ބަންދުކޮށްފައި ހުންނަ އެ އިމާރާތުގެ އެތެރެއިން ފެންނަނީ ވީރާނާކަމެވެ.
މާލޭގައި ފަތުރުވެރިންގެ ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހަކު ކިޔައިދިން ގޮތުގައި އެފަދަ ތަނެއް އަދިވެސް މުހިއްމެވެ.
"މާލެ ތެރޭ އުޅޭއިރު ކަމެއް ވެއްޖެއްޔާ އޭރު ވަންނަން ހުންނަ ތަން އެއީ. އެތަން ވެސް މިހާރު އެހެރީ ބޭނުން ނުކުރެވި. ދެން ހުރީ ޕޭ ޓޮއިލެޓުތައް. ގޮތެއް ނެތިގެން ވެސް އެތަންތަނަށް ގެސްޓުން ގޮވައިގެން ދާން ނުކެރޭ،" އޭނާ ދެން ފެށީ މި މައްސަލަ ހައްލުކުރުމަށް އޭގެ ވެސް ކުރިން ފެށި މަޝްރޫއެއްގެ ވާހަކައެވެ.
މާލޭގެ ހަތަރު ސަރަހައްދެއްގައި ޕޭ ޓޮއިލެޓުތައް ގާއިމުކުރުމަށް އަމިއްލަ ކުންފުންޏަކާ އޭރުގެ ސިޓީ ކައުންސިލުން ހަވާލުކުރީ މީގެ 11 އަހަރު ކުރިން، 2010ވަނަ އަހަރުއެވެ. އެ އެއްބަސްވުމުގެ ދަށުން ފާޚާނާ ބަރިތައް ހެދި ސަރަހައްދުތަކަކީ:
- ބާޒާރު މަތި
- އެމްއެމްއޭ ފުރަގަސް
- އައިފާން ބިލްޑިން ގޯޅި (ބޯފޮޅި ކެފޭ)
- ބޮޑުތަކުރުފާނު މަގު (ތާސީރު ކެފޭ)
މީގެ އިތުރުން ވިލިމާލޭގައި ވެސް މި އެއްބަސްވުމުގެ ދަށުން ފާޚާނާބަރިއެއް ހަދާފައިވެއެވެ.
މީގެ ތެރެއިން، ބާޒާރުމަތީގައި ހުރި ފާޚާނާ ބަރި މިހާރު ވަނީ ސިޓީ ކައުންސިލުން ބަންދުކޮށްފައެވެ. އެތަނަށް ދިއުމުން، އެތަނުގެ ކައިރީ ފިހާރަތަކުގައި ތިބި މީހުން ކުރި ޝަކުވާއަކީ އެ ހިސާބުގަނޑުން ކުރި ގިނަ ވައްކަންތަކުގައި އެ ފާޚާނަބަރީގެ ދައުރު އޮތުމެވެ.
"މިތަނުގައި މިހިރަ ފިހާރަތަކުން ކުރިހާ ވައްކަމެއް ކޮށްފައި ހުންނާނީ މިތަނުން [ފާޚާނާ ބަރިން] އަރައިގެން ގޮސް ފިހާރަތަކަށް ވަދެގެން،" އެތަނުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
ބާކީ ހުރި ތިން ފާޚާނާ ބަރިއަށް ވަދެލުމުން އެނގުނު ކަމަކީ އެއިން އެއްވެސް ތަނަކީ އެންމެ ރަނގަޅަށް ބެލެހެއްޓެމުން ދާ ތަންތަން ނޫންކަމެވެ.
ބޮޑުތަކުރުފާނުމަގުގައި ހުރި ފާޚާނާ ބަރީގެ ހާލަތު ވަކިން ދެރައެވެ. ބައެއް ފާޚާނާ ތަށިތަކާއި، ޝަވަރުތައް ހަލާކުވެފައި ހުރިއިރު، ތަޅުންގަނޑުން ބައެއް މުށިގަނޑުގަނޑު ހުރީ ނައްޓާފައެވެ. ހުރިހާ ސްވިޗު ބޯޑަކަށް ކޮންމެ ވެސް ސަބަބަކާ ހުރެ ހުރީ ޕްލާސްޓިކު ކޮތަޅު ލައްވާފައެވެ. އެތަން ބަލަހައްޓަން ހުރި ބިދޭސީ މީހާ ބުނި ގޮތުގައި ތަނުގެ މަރާމާތެއް މިހާރު ކުރިއަށް އެބަދެއެވެ.
ދެން ހުރި ދެ ފާޚާނާ ބަރީގެ ހާލަތު އެއަށް ވުރެ ރަނގަޅެވެ. ނަމަވެސް ފާހަގަކުރެވުނީ ސާފުތާހިރުކަން ކުޑަކަމެވެ. އަދި ބަހައްޓާފައި ހުރި ޑަސްބިން ތަކުން ފެނުނު ސިނގެރޭޓު ފޮށިތަކާއި، ފޮއިލްކޮޅުތައް ހެކި ދެނީ މި ތަންތަން މަސްތުގެ އައްޑާތަކަކަށް ވެފައިވާކަމެވެ.
"ޑުރަގު ބޯން މީހުން ވަދޭ މިތަނަށް، ދެ މީހުން ތިން މީހުން ވެސް އެއް ފަހަރާ ވަންނަނީ. ވަންނަގޮތަށް ދެން އެތިބެނީ އެތައް އިރެއް ވަންދެން. ނުހުއްޓުވޭ އެކަމެއް. މިތަނަށް ފާޚާނާ ކުރަން އައިސް ކިޔުގައި ހުންނަން ޖެހޭ ފަހަރު މަދެއް ނޫން މިކަމާ ހުރެ،" އެމްއެމްއޭ ފުރަގަހުގައި ހުރި ޕޭ ޓޮއިލެޓުން ޚިދުމަތް ހޯދައިގެން ނުކުތް މީހަކު ކިޔައިދިނެވެ.
މިކަންކަމުން އެނގެނީ ފައިސާ ނަގައިގެން ހިންގަމުން އަންނަ ތަނަކާ އަޅާ ބަލާއިރު އެ ތަނުގެ ފެންވަރު މާބޮޑަށް ވެސް ދަށްކަމެވެ.
ފާޚާނާބަރި ތަކުގެ އެއްބަސްވުމާ މެދު ގިނަ ސުވާލުތަކެއް
މާލޭގެ ޕޭ ޓޮއިލެޓުތައް ހިންގަމުން އަންނަ އަމްސަން ފުޑް އެންޑް ބެވަރެޖަސް ޕްރައިވެޓް ލިމިޓެޑާއެކު، އެ ކަމާގުޅޭ އެއްބަސް ވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ 2010ވަނަ އަހަރުގެ ތެރޭ އޭރުގެ މުނިސިޕަލްޓީންނެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެއްބަސްވުން 2013ވަނަ އަހަރު ވަނީ އާ ކޮށްފައެވެ. މިހާރު އެ އެއްބަސްވުން ހަމަވާގޮތަށް އޮތީ 2025ވަނަ އަހަރުއެވެ.
މި އެއްބަސްވުން، 2013ވަނަ އަހަރު އާ ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަން ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތަހުގީގުކޮށްފައެވެ. އަދި، އެއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ނިންމައި، ކްރިމިނަލް ކޯޓުގައި ދައުވާ ވެސް ކުރިއެވެ. ނަމަވެސް، ކޯޓުން އެ މައްސަލަ ނިމުނީ "ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތު ނުވާ" ކަމަށެވެ.
ފާހަގަކުރަންޖެހޭ ކަމަކީ މާލެއިން މި ހަތަރު ބިން ދޫކޮށްފައިވަނީ އެންމެ 20،000 ރުފިޔާގެ ކުއްޔަކަށްކަމެވެ.
މިހާރު ހިންގަމުން އަންނަ ފާޚާނާބަރިތަކުގެ ތެރެއިން، ދެ ތަނަކާއި އެއް އިމާރާތެއްގައި ހޮޓާ ހިންގަމުންދެއެވެ. ސިޓީ ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، އެ ކައުންސިލުގެ ހުއްދައާ އެކު، ފާޚާނާބަރި ހިންގާ އިމާރާތުގައި ވިޔަފާރި ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ވަނީ ބޯކޮށުމާއި، ޓޮއިލެޓަރީސް ވިއްކުން ފަދަ ވިޔަފާރިތައް ޖާގަ އޮތް މިންވަރަކުން ކުރެވިދާނެ ކަމަށެވެ.
ބޮޑުތަކުރުފާނުމަގުގައި ހުރި ފާޚާނާބަރިއާ އެއް އިމާރާތެއްގައި ހުންނަ ކެފޭ ތާސީރަކީ، ގޭސް ގުދަންކުރާ ތަނަކާ އިންވެގެން ހުރި ތަނެއް ކަމުން، އެ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރުއޮތްކަމަށް ބުނެ، އެތަން ހުސްކުރުމަށް ސިޓީ ކައުންސިލުން ވަނީ 2019ވަނަ އަހަރު އެތަން ހިންގާ ކުންފުންޏަށް ނޯޓިސް ފޮނުވާފައެވެ.
އަދި، ބާޒާރުމަތީ ހުރި ފާޚާނާބަރި ބަންދު ކުރުމަށް ފަހު އެތަން ހުސްކުރުމަށް ވެސް އަންގާފައިވެއެވެ. އެ ދެ ނޯޓިހުގެ މައްސަލަ ވެސް އަމްސަން އިން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
ކޯޓުގައި ސިޓީ ކައުންސިލުން ވަނީ އެތަނުގެ ސާފު ތާހިރުކަން ކުޑަކަން ފާހަގަކޮށްފައެވެ. އަދި އެއްބަސްވުމުގެ ދަށުން އެތަންތަނުގައި، ދެ ޖިންސަށް ވަކިން ފެންވެރުމާއި، ފާޚާނާ ކުރުމުގެ ޚިދުމަތް ލިބެން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު، އެ ތަންތަން ހުރީ އިންސާނުން ބޭނުން ކުރަން ރަނގަޅު ފެންވަރުގައި ނޫންކަން ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ކޯޓުން ނިންމީ ކެފޭ ތާސީރު ހުސްކުރަން އެންގި އެންގުމަކީ އެއްބަސްވުމާ ޚިލާފު އެންގުމެއް ނޫންކަމަށެވެ. ނަމަވެސް، ބާޒާރުމަތީ ފާޚާނާބަރި ހުސްކުރަން އެންގި ނޯޓިހުގައި، އެކަން ކުރަންޖެހޭ ސަބަބު ބަޔާންވެފައި ނެތުމުންނާއި، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ތިން މަސްދުވަހުގެ މުހުލަތު ދީފައި ނުވުމުން، އެއީ އެއްބަސްވުމާ ޚިލާފު ނިންމުމެއް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެ މައްސަލަ އަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ކޯޓަށް މައްސަލަ އަލުން ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ޕޭ ޓޮއިލެޓުތަކުގެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުން ނުދާތީ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ދޭ،" މުއިއްޒު ވިދާޅުވިއެވެ.
ސުވާލަކީ 2010ވަނަ އަހަރުން ފެށިގެން، ފާއިތުވީ 11 އަހަރު އެކަށީގެންވާ ޚިދުމަތެއް ދެވިފައި ނުވާއިރު، އަދި ދެ ފަހަރު މަތިން ކޯޓުން ވެސް އެކަން ހަމަ މަގަށް އެޅުވިފައި ނުވާއިރު، މި ފަހަރު އުފުލާ ދައުވާއިން ކިހާ ބޮޑު ބަދަލެއް ގެނެވިދާނެތޯއެވެ.
ކޮންމެއަކަސް، މާލެއަށް ޒިޔާރާތްކުރާ ރައްޔިތުންނަށާއި، ފަތުރުވެރިންނަށް މުހިންމީ ރަނގަޅު ފެންވަރުގެ ފާޚާނާބަރިތަކެއްގެ ޚިދުމަތް ލިބުމެވެ. ފަސް ތަރީގެ މަންޒިލުގެ ކޮންމެ ހިސާބަކުން ވެސް ހަމަ އެ ފެންވަރު ފެނުމެވެ.