ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ބާއްވާ 'ފަނޯއްލަ' ދަރުބާރު ފަށައިފި

ފަނޯއްލަ ދަރުބާރު ކުރިއަށް ދަނީ--- ފޮޓޯ/ އެލްޖީއޭ

ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޯކަލް ގަވެމެންޓް އޮތޯރިޓީ (އެލްޖީއޭ)އާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫއެސްއެއިޑް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ 'ފަނޯއްލަ' ދަރުބާރުގެ ހަތަރުވަނަ މަހަސިންތާ ލ. ގަމުގައި މިއަދު ފަށައިފިއެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ކައުންސިލްތަކަށް އަމާޒުކޮށް މިފަހަރު ބާއްވާ އެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ނިޔާޒެވެ.

އެ ރަސްމިއްޔާތުގައި ނިޔާޒް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އެންމެ އަވަހަށް ގެނައުމަށް މަޝްވަރާ ކުރަމުންދާ ބަދަލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނާ ގުޅޭ ބަދަލު ކަމަށެވެ.

ނިޔާޒް އިޝާރާތް ކުރެއްވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައިވާ އެ ބިލުގައި ވަނީ ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހަދައި، ކޯރަމް ގެއްލޭ ހާލަތުގައި ދެ މަސް ދުވަސް ތެރޭ އިންތިހާބު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ފަނޯއްލަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ ފަނޯއްލަ ދަރުބާރަކީ ނަތީޖާ ނެރޭ މަހާސިންތާއެއް ކަމަށެވެ.

އެ މަހާސިންތާގައި މީގެ ކުރިން ދައްކާފައިވާ ވާހަކަތާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ލާމަރުކަޒީ ނިޒާމު ފުރިަހަމަ ކުރުމުގެ މަސައްކަތް އެލްޖީއޭއިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފާއިތުވި މޭ މަހު އުކުޅަހުގައި ބޭއްވި ދަރުބާރުގައި ހުށަހެޅުނު ގޮތަށް ކައުންސިލްތަކުގެ ބަޖެޓު އެކުލަވާލުމަށް ބޭނުންކުރާ ފިސްކަލް ފޯމިއުލާ މުރާޖާ ކުރުމުގެ މަސައްކަތް ވަނީ ފެށިފަ އަދި މި ހަތަރު ވަނަ ފޯރަމްގަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން، ފިނޭންސް މިނިސްޓްރީން ތިބޭފުޅުންގެ މަޝްވަރާއަށް އެ ބޭފުޅުންގެ ހުށަހެޅުންތަކެއް ގެނެސްދެއްވާނެ،" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އުކުޅަހުގައި ބޭއްވި މަހާސިންތާގައި ރަށްރަށުން ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ބެހޭ ތަމްރީން ޕްރޮގްރާމެއް މިދިޔަ މަހު އެލްޖީއޭއިން ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ބާއްވާފައިވާ ކަމަށާއި އެފަދަ އިތުރު ޕްރޮގްރާމްތައް ބާއްވަން އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޝަން އިތުރަށް ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައާއި އެ ޕްލޭންތައް ފާސްކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ޕްލޭނިން މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ފާއިތުވި އަހަރު އެލްޖީއޭއިން 78 ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާއިރު އޭގެ ތެރެއިން ގިނައީ އޮންލައިންކޮށް ބޭއްވި ޕްރޮގްރާމްތައްކަން އަފްޝަން ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ އޮކްޓޯބަރު މަހުން ފެށިގެން އެލްޖީއޭއިން ފިޒިކަލް ޓްރެއިނިންތަކަށް ދަތުރުތައް ފަށާނަން. ކުރިއަށް އޮތް ދުވަސްތަކުގައި، ކައުންސިލްތަކުން ފާއިތުވި ދަރުބާރުތަކުގައި ތަމްރީން ބޭނުންވާ ދާއިރާތައް ކަމަށް ފާހަގަކުރި ދާއިރާތަކަށް އިސްކަން ދެވޭނެ،" އަފްޝަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެލްޖީއޭގެ އަމާޒަކީ މާލީ ކަންކަމާ ގުޅުން ހުރި ތަމްރީން ޕްރޮގްރާމެއް އަންނަ މަހު ފަށައި، މި އަހަރު ތެރޭ މުޅި ރާއްޖޭގައި ހިންގުން ކަމަށެވެ.

އެލްޖީއޭއިން ބުނީ ފަނޯއްލަ ދަރުބާރުގެ މަގުސަދަކީ ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ސިޔާސަތުތަކާއި ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރުން ކަމަށެވެ.

އެ މަހާސިންތާގައި އެއްބަސްވެވޭ ކަންތައްތައް، އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ގަމުގައި ބާއްވާ 'ވިއަވަތި ރާއްޖެ' މަހާސިންތާގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށާއި ދައުލަތުގެ ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރާނެއެވެ.

ވިއަވަތި ކޮންފަރެންސްގައި ދެކުނުގެ އަތޮޅުތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.

އެ ކޮންފަރެންސަށް ރައީސް ޞާލިޙު މާދަމާ ގަމަށް ވަޑައިގަންނަވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް