އައިޔޫއެމްގެ ހަތް ވަނަ ރިސާޗް ކޮންފަރެންސް މިމަހު

އިސްލާމިކް ޔުނިވަސީޓި އޮފް މޯލްޑްވިސް

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހަތް ވަނަ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް މިމަހު ބާއްވަން ނިންމައިފިއެވެ.

އެގޮތުން މި ރިސާޗް ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވަނީ ތަފާތު ހަތަރު ތީމަކަށް ބަހާލައިގެން މަހުގެ 17 އަދި 19ވަނަ ދުވަހުއެވެ.

މިިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން އައިޔޫއެމްގެ ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން، ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ މި ކޮންފަރެންސްގެ އެންމެ ބޮޑު އަމާޒަކީ ޢިލްމީ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

މި ކޮންފަރެންސް ކުރިއަށް ދާނީ ރާއްޖޭން ބޭރުގެ ގިނަ ޢިލްމުވެރިން ވެސް ބައިވެރިވެގެން ކަމަށެވެ. އަދި މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ބައެއް ބޭބޭފުޅުން ކީނޯޓް ތަގުރީރުދެއްވަން ހަމަޖެހިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މެލޭޝިއާ، އިންޑިއާ، ޕާކިސްތާން ދެން ގަތަރު އަދި އަރަބި ގައުމުތަކަށް ބަލާއިރުގަ ނައިޖީރިއާ ހިސާބުން ވެސް އަޅުގަނޑުމެންގެ ކޮންފަރެންސްގައި މިއަހަރު ބައިވެރިވެ ވަޑައިގަންނަވާ،" ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

އޭނާ ވިދަޅުވީ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ޢިލްމީ އަދި ސައިންޓިފިކް ރިސާޗް ޕޭޕަރުތައް ހުށަހެޅުން ކަމަށެވެ. އެގޮތުން ރިސާޗް ޕޭޕަރު ހުށަހަޅާ ފުރަތަމަ ތީމަކީ ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަނެވެ. ދެވަނަ ތީމަކީ ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯއެވެ. އަދި ތިން ވަނަ ތީމަކީ ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީއެވެ. މި ކޮންފަރެންސްގެ ހަތަރު ވަނަ ތީމަކީ ނޭޖްމަންޓް، ވިޔަފާރި، އިގްތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިންއެވެ.

މީގެ އިތުރުން އޯޑިއަންސްއަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާ، ޕެނަލް ޑިސްކަޝަންތައް ވެސް މި ކޮންފަރެންސްގައި ކުރިއަށްދާނެއެވެ.

"މިއަހަރު ވަކި ޚާއްސަ ކަމެއްގެ ގޮތުގަ އަޅުގަނޑުމެން ޕެނަލް ޑިސްކަޝަންއެއް ބާއްވަން ގައުމީ ތަރައްގީގެ ޕްލޭންތަކެއް ހިމެނޭ ޕެނަލް ޑިސްކަޝަންތަކެއް،" ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

ކޮވިޑްގެ ދަތި ހާލަތުގައި ވެސް މި ކޮންފަރެންސް ބޭއްވިކަން ޑރ. އިސްމާއީލް ޝަފީއު ފާހަގަކުރަށްވާފައެވެ. މިއީ އައިޔޫއެމްއިން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރުރަކު މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

"ކޮންފަރެންސާ ގުޅިގެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އައިޔޫއެމްގެ ވަރަށް ބޮޑު އަމާޒެކޭ ޢިލްމީ ހޯދުންތައް މުޖުތަމައުއާ ހިއްސާކުރުން އެއީ. ކޮންފަރެންސް ބޭއްވުމުގެ ވެސް އެންމެ ބޮޑު އެއް މޯޓިވް އެއީ،" ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

comment ކޮމެންޓް