އައިޔޫއެމް ޕްރޮފެސަރުގެ އާއިލާ ޣައްޒާއިން ނެރެން ފައިސާ ހަމަޖައްސައިދީފި

ޑރ. ހަސަން އަލް ކުރްދީއަށް އެހީ ހަވާލުކުރަނީ -- ފޮޓޯ: އައިއޭސީ

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީ އޭނާގެ އާއިލާ ޣައްޒާއިން ސަލާމަތްކޮށްދިނުމަށް ފައިސާގެ އެހީއަށް އެދުމާއެކު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން އެ ފައިސާ ހަމަޖައްސައިދީފިއެވެ.

އައިއޭސީން މިއަދު ބުނީ މިހާރު އެ ފައިސާ ޑރ. ކުރްދީއަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި ޣައްޒާއިން އެ އާއިލާ ނިކުމެ، މިސްރަށް ދިއުމާއެކު، މިސްރުން އެ އާއިލާ ރާއްޖެ ގެނައުމުގެ ޚަރަދުތައް ވެސް އައިއޭސީން ހަމަޖައްސައިދޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އަދި އުންމީދަކީ ޑޮކްޓަރުގެ އާއިލާ ސަލާމަތުން ރާއްޖެ ގެނައުންކަމަށް ވެސް ޖަމިއްޔާއިން ބުންޏެވެ.

ޑރ. ކުުރްދީ އޭނާގެ އާއިލާ ސަލާމަތްކުރުމަށް އެހީއަށް އެދުނީ މިދިޔަ މަހުގެ 31ގައެވެ. އެއާއެކު އައިއޭސީން އައީ އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ކަންކަން ކުރަމުންނެވެ.

https://sun.mv/190445

ޑރ. ހަސަނަކީ އައިޔޫއެމްގައި އަރަބި ބަސް ކިޔަވައިދޭ ޕްރޮފެސަރެކެވެ. ޣައްޒާ ހަނގުރާމަ ފެށި މުޅި އޭނާގެ އާއިލާ ހާލުގައި ޖެހިފައިވާއިރު މިހާރު އެ އެންމެން ދިރިއުޅެމުން އަންނަނީ އިޒްރާއިލުން ހިފަން ތައްޔާރުވަމުން އަންނަ ރަފަހް ސަރަހައްދުގައެވެ.

ޑރ. ހަސަންގެ އާއިލާގައި އޭނާގެ އަންހެނުންނަކީ ޕްރައިމަރީ ޓީޗަރެކެވެ. ދެ އަންހެން ކުދިންގެ އިތުރުން ދެ ފިރިހެން ކުދިން ވެސް އޭނާގެ ހުރެއެވެ. އޭގެ ތެރެއިން ދޮށީ އަންހެން ދަރިފުޅަކީ އެނެސްތީސިއާ އާއި އިންޓެންސިވް ކެއާގެ ދާއިރާއިން ކިޔަވަމުން އަންނަ ކުއްޖެކެވެ.

އެ އާއިލާގެ ގެދޮރު ވެސް ހަލާކުވީ ހަމަލާތަކުގައި ބޮން އަޅައިގެންނެވެ.

comment ކޮމެންޓް