އައިޔޫއެމް ޕްރޮފެސަރުގެ އާއިލާ މިސްރަށް ގެންދަން އައިއޭސީން ހުރިހާ ޚަރަދެއް ކުރަނީ

ޑރ. ހަސަން އޭނާގެ އާއިލާއެކު ---

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ޣައްޒާއިން މިސްރަށް ގެންދިޔުމަށް ކުރަން ޖެހޭ ހުރިހާ ޚަރަދެއް ކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ނިންމައިފިއެވެ.

ޑރ. ހަސަން ވަނީ އޭނާގެ އާއިލާ ޣައްޒާއިން ސަލާމަތްކޮށް، ރާއްޖެ ގެނައުމަށް އެހީއަށް އެދިފައެވެ.

އައިއޭސީން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޑރ. ހަސަންގެ އާއިލާ މިސްރަށް ގެންދިޔުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެ ޖަމިއްޔާއިން ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅުންހުރި ހުރިހާ ޚަރަދެއް އައިއޭސީން ކުރުމަށް ހަމަޖެހިފައިވާ ވާހަކަ، މިދިޔަ އާދިއްތަ ދުވަހު ޑރ. ހަސަންއާ ބައްދަލުކޮށް ހިއްސާކޮށްފައިވާ ކަމަށް އައިއޭސީން ބުނެއެވެ.

މީގެއިތުރުން، އެ އާއިލާއަށް އެހެނިހެން އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

"ޣައްޒާގެ ތެރޭގައި ތިބި ޑޮކްޓަރުގެ އާއިލާއަށް ކާބޯތަކެތީގެ އެހީ ވެސް އަޅުގަނޑުމެން ވާނީ 18 މާޗް ވަނަ ދުވަހު ފޯރުކޮށްދީފައި،" އައިއޭސީން ހިއްސާކުރި ޕޯސްޓުގައިވެއެވެ.

މިކަމާ ގުޅިގެން އައިއޭސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އާއިލާގެ ދަތުރަށް ބޭނުންވާ ޚަރަދުތައް ކަމާ ގުޅުންހުރި ތަންތަނާ ގުޅިގެން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޚަރަދުގެ ތަފްސީލު ހާމަކުރާނީ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޔޫއެމްގެ އިސްވެރިއަކު މީގެ ކުރިން "ސަން"އަށް ވިދާޅުވީ ޑރ. ހަސަނަށް އެހީތެރިވެދިނުމަށް ޓަކައި ޔުނިވާސިޓީން ފޮރިން މިނިސްޓްރީއާ މުއާމަލާތްކުރަމުން އަންނަކަމަށެވެ.

https://sun.mv/190445

އޭނާ ވިދާޅުވީ ސަރުކާރުގެ އިންތިޒާމުތަކުގެ ތެރެއިން އާއިލާ ރާއްޖެ ގެނެވޭނެ މަގު ފަހިވެއްޖެނަމަ އިތުރު ޚަރަދެއް ކުރުމެއްނެތި އެ ކަން ވާނެ ކަމަށެވެ. ނަމަވެސް އެ ފަދައިން ހަމަނުޖެހޭނަމަ 5،000 ޑޮލަރަށްވުރެ އަގުބޮޑުކޮށް ކޮންމެ ބޮލަކަށް ދައްކަން ޖެހޭކަމަށް ވިދާޅުވިއެވެ.

ޑރ. ހަސަންގެ އަންހެނުންނަކީ ޕްރައިމަރީ ޓީޗަރެކެވެ. ދެ އަންހެން ކުދިންގެ އިތުރުން ދެ ފިރިހެން ކުދިން ވެސް އޭނާގެ ހުރެއެވެ. އޭގެ ތެރެއިން ދޮށީ އަންހެން ދަރިފުޅަކީ އެނެސްތީސިއާ އާއި އިންޓެންސިވް ކެއާގެ ދާއިރާއިން ކިޔަވަމުން އަންނަ ކުއްޖެކެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެ އާއިލާގެ ގެދޮރަށް ވެސް ބޮމުގެ ހަމަލާ އަމާޒުވެ ވަނީ ހަލާކުވެފައެވެ.

އެ އާއިލާއަށް އެހީވެދިނުމަށް އެދި ފަންޑެއް ވެސް މިހާރު ވަނީ ހުޅުވައިފައެވެ. ޑރ. ހަސަން މިހާރު ހުންނެވީ އޭނާގެ އާއިލާ ސަލާމަތްކުރުމަށް މިސްރުގައެވެ.

comment ކޮމެންޓް