އިނގިރޭސި ރާނީ އެލިޒަބެތު އަވަހާރަވެއްޖެ

އިނގިރޭސި ރާނީ ކުއީން އެލިޒެބެތު ދެވަނަ ---

ލަންޑަން (8 ސެޕްޓެމްބަރު 2022) : އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ދާދި ދެންމެއަކު އަވަހާރަވެއްޖެއެވެ.

އިނގިރޭސި ރަސްކަމުގެ ރަސްމީ ގަނޑުވަރު ބަކިންހަމް ޕެލަސް އިން އިއުލާނު ކުރިގޮތުގައި ރާނީ އެލިޒަބަތު 2 އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައެވެ. އެލިޒަބަތު އަވަހަރަވީ ސްކޮޓްލެންޑުގައި ހުންނަ ބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ސިއްޙީ ހާލުކޮޅު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށެވެ.

އެލިޒަބަތު އަވަހާރަވުމާއެކު އިނގިރޭސިވިލާތުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

ރާނީ އެލިޒަބަތުގެ ހާލުކޮޅު ކުއްލިގޮތަކަށް ގޯސްވުމާ ގުޅިގެން އެކަމަނާގެ އާއިލާ ބޭފުޅުން (ދަރިންނާއި ދަރިންގެ ދަރިން) ވަނީ އެކަމަނާ އަރިހަށް ވަޑައިގެންފައެވެ. މީގެތެރޭގައި ވަލީއުލްއަހްދު ޕްރިންސް ޗާލްސް އާއި އޭނާގެ އަނބިކަނބަލުން ކެމީލާ އަދި މާމަދަރިކަލުން ޕްރިންސް ވިލިއަމް އާއި ދެ ދަރިކަލުންކަމަށްވާ އެންޑްރޫ އަދި އެޑްވަޑް އާއި އަންހެން ދަރިކަނބަލުން އޭން ވަނީ އެކަމަނާގެ އަރިހަށް ވަޑައިގެންފައެވެ.

ރާނީ އެލިޒަބަތު 2 އިނގިރޭސީންގެ ރަސްކަމަށް އިސްކުރެވުނީ 1952 ވަނަ އަހަރުއެވެ. އެއީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް 6 ވަނަ އަވަހާރަވުމުންނެވެ. އެލިޒަބަތުގެ މާމާފުޅަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ރާނީ ވިކްޓޯރިޔާ އެވެ.

އިނގިރޭސި ރަސްކަމުގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވީ އެލިޒަބަތެވެ. އެލިޒަބަތު ރާނީގެ މަގާމުގައި ހުންނަވާތާ މިހާރުވަނީ 70 އަހަރުވެފައެވެ. މިހާ ދިގުމުއްދަތެއްގައި އެއްވެސް ބޭފުޅަކު އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚްތުގައި ރެދަލިކުރައްވާފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ރާނީ އަވަހާރަވެއްޖެކަން އިއުލާނު ކުރަނީ ވަރަށް ޚާއްސަ އުސޫލެއްގެ މަތިންނެވެ. މި އުސޫލަށް ކިޔަނީ "ލަންޑަން ބްރިޖް އޮޕަރޭޝަން" އެވެ. ނުވަތަ "ލަންޑަން ބްރިޖް ޑައުން" އޮޕަރޭޝަންއެވެ. މިއޮޕަރޭޝަން ދިހަވަރަކަށް ދުވަހަކަށް ދިގު ދެމިގެންދާނެއެވެ.

"ލަންޑަން ބްރިޖް ޑައުން" އޮޕަރޭޝަންއަށް ބަލާއިރު ރާނީ އަވަހާރަވުމާއެކު ލަންޑަންގެ މަޝްހޫރު ހައިޑް ޕާކުން 41 ބަޑީގެ ސަލާމެއް، ގާތްގަނޑަކަށް ހަތް މިނެޓުގެ އާޓިލަރީއާއެކު ގޮއްވާލާނެއެވެ. އަދި ރާނީގެ ސަންދޯއް ވެސްޓްމިނިސްޓަރ އަބޭގެ ހޯލަށް ގެންދިޔުން ބޮޑު ރަސްމިއްޔާތަކާއެކު އަސްކަރީ ޕެރޭޑެއްގައި އޮންނާނެއެވެ. ރާނީގެ ޖަނާޒާ އޮންނަ ދުވަހު ލަންޑަންގެ ހުރިހާ ތަނެއް ފިހާރަތަކާއި އޮފީސްތަކާއި ޔުނިވާސިޓީތަކައި ސްކޫލްތައް ބަންދުކުރާނެއެވެ.

ރާނީގެ ޖަނާޒާ އަށް ކޮމަންވެލްތްގެ ގައުމުތަކުގެ އިސްވެރިން ހާޒިރުވެ ވަޑައިގަންނަވާނެއެވެ. އެލިޒަބަތު އަވަހާރަ ވުމާއެކު އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްވަނީ ރަސްކަމަށް އިސްކޮށްފައެވެ.

comment ކޮމެންޓް