އިނގިރޭސިވިލާތުގެ ކެޕްޓަން ހެރީ ކޭން އެ ޓީމަށް ކުޅުނު 100 ވަނަ މެޗުގައި ދެ ލަނޑު ޖަހައިފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ފިންލަންޑާ ބައްދަލުކުރި މެޗަކީ ކޭން އިނގިރޭސި ޓީމަށް ކުޅުނު 100 ވަނަ މެޗެވެ. އެކަން ފާހަގަކުރުމުގެ ގޮތުން އިނގިރޭސި ޓީމުގެ ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑް ވަނީ ކޭނަށް ރަން ތޮތްޕެއް ދީފައެވެ.
މުހިންމު މި މެޗު ކޭން ކުޅުނީ ރަން ކުލައިގެ ބޫޓަކަށް އަރައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި އިނގިރޭސީން ކޮންޓްރޯލްކުރި ނަމަވެސް ފިންލަންޑްގެ ޑިފެންސް ފޫއަޅުވައިލެވޭ ވަރެއް ނުވިއެވެ. ނުރައްކާތެރި ދެ ހަމަލާއެއް މި ހާފުގައި ވެސް ކޭން ފޮނުވައިލިއެވެ. އެކަމަކު، ފިންލަންޑްގެ ކީޕަރު ވަނީ ހުށިޔާރުކަމާ އެކު އެ ދިފާއުކޮށްފައެވެ.
އިނގިރޭސީން މެޗުގައި ޖެހި ފުރަތަމަ ލަނޑު ޖެހީ 57 ވަނަ މިނެޓުގައި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭނެވެ. މިއީ އޭނާ އިނގިރޭސި ޓީމަށް ޖަހައިދިން 67 ވަނަ ލަނޑެވެ. މެޗުގައި ކޭން ޖެހި ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން 14 މިނެޓަށްވި ފަހުންނެވެ.
ކޭން މިހާރު ވަނީ އިނގިރޭސި ޓީމަށް ކުޅުނު 100 މެޗުގައި 68 ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ، އިނގިރޭސި ޓީމުގެ ރިކޯޑެވެ.
މި ގްރޫޕުގައި ދެން ހިމެނޭ ގްރީސްއިން ވަނީ ރަށުން ބޭރުގައި 2-0 އިން އަޔަލަންޑް ބަލިކޮށްފައެވެ. މެޗުގައި ގްރީސްގެ ދެ ލަނޑު ޖަހައިދިނީ ޕޯޓިސް ލިއޮނީޑްސްއާއި ކްރިސްޓޯސް ޒޯލިސްއެވެ.
އެހެންވެ، ގްރީސް މިހާރު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނައިފައެވެ. އިނގިރޭސީންނަށް ވެސް ހަ ޕޮއިންޓު ލިބުނު ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އެ ޓީމު އޮތީ ގްރޫޕުގެ ދެވަނައިގައެވެ. ދެން ގްރޫޕުގައި ހިމެނޭ އަޔަލަންޑާއި ފިންލަންޑަށް އަދި އެންމެ ޕޮއިންޓެއް ވެސް ނުލިބެއެވެ.