އިނގިރޭސި ކޯޗުކަމާ ވަގުތީގޮތުން ހަވާލުވި ލީ ކާސްލީގެ ކޯޗުކަމުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
އިނގިރޭސީން ވަނީ ޔުއޭފާ ނޭޝަންސް ލީގުގެ ލީގު ބީގެ ގްރޫޕް ދޭއްގައި ރަށުން ބޭރުގައި ރިޕަބްލިކް އޮފް އަޔަލަންޑް ބަލިކޮށްފައެވެ. އެ މެޗު ކާމިޔާބުކުރީ 2-0 އިންނެވެ.
ފުރަތަމަ ހާފުގައި އިނގިރޭސީން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޑެކްލަން ރައިސެވެ. އޭނާއަކީ އަޔަލަންޑުން ބައިނަލްއަގުވާމީ ކެރިއަރު ފެށި ކުޅުންތެރިއެކެވެ. އޭނާ ވަނީ އިނގިރޭސި ޓީމަށް ކުޅެން ފެށުމުގެ ކުރިން އަޔަލަންޑް ޓީމަށް ރަހުމަތްތެރިކަމުގެ ތިން މެޗު ކުޅެދީފައެވެ.
ދެވަނަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް އަޔަލަންޑުން ކުޅެން ފެށި ޖެކް ގްރީލިޝެވެ. އޭނާ ވަނީ އަޔަލަންޑުގެ ޔޫތު ޓީމަށް ކުޅެފައެވެ.
ގްރޫޕުގައި ދެން ހިމެނޭ ގްރީސްއިން ވަނީ 3-0 އިން ފިންލަންޑް ބަލިކޮށްފައެވެ.
މެޗުގައި ގްރީސްއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ޕޯޓިސް އިއަނީޑިސެވެ. ތިންވަނަ ލަނޑަކީ ފިންލަންޑްގެ ބެންޖަމިން ކާލްމަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.