އިނގިރޭސިވިލާތުން އިސްރާއީލަށް ބައެއް ހަތިޔާރު ވިއްކުން މެދުކަނޑައިލަން ނިންމައިފިއެވެ.
އެގޮތަށް ނިންމީ ހަތިޔާރު ބޭނުންކޮށްގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތައް ހިންގަފާނެކަމަށް ވަރަށް ބޮޑަށް ބެލެވޭ ސަބަބުތައް ހުރުމުން ކަމަށް އެ ގައުމުން ބުނެފިއެވެ. އެގޮތުން، އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ 350 ލައިސަންސްގެ ތެރެއިން 30 ލައިސަންސް ސަސްޕެންޑް ކުރާނެ ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުން އެކަން އިއުލާނުކުރީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ދެމުންގެންދާ ހަމަލާތަކުގައި އަމަލުކުރާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ހަތިޔާރު ވިއްކުމުގެ އެއްބަސްވުން މުރާޖައާކުރުމަށް ފަހުގައެވެ.
އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވިދާޅުވީ، ބައެއް ހަތިޔާރު ވިއްކުން ހުއްޓާލާއިރު، އޭގެ ތެރޭގައި ޣައްޒާގައި މިހާރުން ހިނގަމުންދާ ހަނގުރާމައިގައި ބޭނުންކުރެވޭނެ ހަތިޔާރު ހިމެނޭ ކަމަށެވެ. އެ ފަދަ ހަތިޔާރުތަކުގެ ތެރޭގައި ހަނގުރާމަ މަތީ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރު އަދި ޑްރޯން ހިމެނެއެވެ.
މިދިޔަ ޖުލައި މަހު ބޭއްވި އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި ކޮންޒަވޭޓިވް ޕާޓީ ބަލިކޮށް ބޮޑު ކާމިޔާބީއަކާ އެކު ލޭބާ ޕާޓީ ވެރިކަމަށް އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޚާރިޖީ ވަޒީރު ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކާ މިންވަރު ބެލުމުގެ ރިވިއުއެއް ހެދުމަށް އަންގަވައިފައެވެ.
"އަޅުގަނޑު ހިތާމަޔާ އެކު މިއަދު ހައުސް އޮފް ކޮމަންސްއަށް ދަންނަވަން ޖެހެނީ، އަޅުގަނޑަށް ލިބިފައިވާ އެސެސްމަންޓަށް ބެލުމުން، އިނގިރޭސިވިލާތުން އިސްރާއީލަށް އެކްސްޕޯޓްކުރާ ބައެއް ހަތިޔާރަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގުމަށް ބޭނުންކުރުން ވަރަށް އެކަށީގެންވާ ތަކެތީގެ ގޮތުގައި ނޫނީ ބެލެން ނެތްކަން،" ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ވާހަކަދައްކަވަމުން ލެމީ ވިދާޅުވިއެވެ.
އެ ނިންމުމާ މެދު އިސްރާއީލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ބައެއް ހަތިޔާރު ވިއްކުން މެދުކަނޑާލި ނަމަވެސް އިނގިރޭސިވިލާތުން އަބަދު ވެސް ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިސްރާއީލުން އެ މީހުންގެ އަމިއްލަ ދިފާއުގައި އެކުރާ މަސައްކަތަށް ތާއީދުކުރާނެ ކަމަށް ލެމީ ވިދާޅުވިއެވެ.