ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތަކުގެ ފޮޓޯތަކެއް އާއްމުކޮށްފި

ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތަކުގެ ފޮޓޯ -- ފޮޓޯ/ އީޕީއޭ

މިދިޔަ މަހުގެ 16 ވަނަ ދުވަހު ވިލިމާލޭ އިރު ދެކުނު ފަރަށް އެރި ބްރިޖު ޕްލެޓްފޯމްގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކުގެ ފޮޓޯތަކެއް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕިއޭ)އިން މިރޭ އާންމުކޮށްފިއެވެ.

ޕްލެޓްފޯމް ފުންކުރުމުން ފަރަށް ލިބުނު ގެއްލުމުގެ ދިރާސާއެއް ކޮށްފައިވާއިރު އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ޕްލެޓްފޯމް އެރުމުގެ ސަބަބުން ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ބާގަނޑު ފެނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އެ ޕްލެޓްފޯމް ފަރަށް އެރީ އެންކަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ.

މި ހާދިސާއާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތަކަށް ބަލައި ޖޫރިމަނާ ކުރަން ޖެހޭނަމަ އެކަން ކުރާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް