މުރަކަ އާލާކުރުމަށް "ރީފްސީޑް"ގެ ނަމުގައި ބޮޑު މަޝްރޫއެއް ފަށައިފި

މުރަކަ އާލާކުރުމަށް "ރީފްސީޑް" ގެ ނަމުގައި ބޮޑު ޕްރޮޖެކްޓެއް:ޕޮޓޯ/ރައީސް އޮފީސް

އެކުއަކަލްޗާ ސިސްޓަމެއް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި މުރަކަ އާލާކޮށް ފަރުތައް އިޔާދަ ކުރުމަށް "ރީފްސީޑް"ގެ ނަމުގައި ބޮޑު މަޝްރޫއެއް މިއަދު އިފުތިތާހުކޮށްފިއެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މިއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި (އެމްއެމްއާރްއައި)އާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޯ މެރިން ސައިންސް (އެއިމްސް) އަދި ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަން (ސީއެސްއައިރޯ) ގުޅިގެންކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، އެ މަޝްރޫއަކީ، ކޮރަލް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އެކްސެލެރޭޓާ ޕްރޮގްރާމް (ކޯޑެޕް)ގެ އެހީގައި ހިންގާ ތިން އަހަރު ދުވަހުގެ މަޝްރޫއެއްކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުން ފާހަގަ ކުރުމަށްޓަކައި "ރީފް ސީޑް ޑެމޮންސްޓްރޭޝަން ޑޭ"ގެ ނަމުގައި ޚާއްސަ ހަރަކާތެއް މިއަދުވަނީ ކ. މަނިޔަފުށީގައި ބާއްވާފައެވެ.

ރީފްސީޑް ޕްރޮޖެކްޓްގެ ދަށުން "ރީފްސީޑް ސިސްޓަމް"ގެ ނަމުގައި، މުރަކައިގެ ބިސް އަދި ލާވޭ ބޭނުންކޮށްގެން މުރަކަ އާލާކުރުމަށް ޚާއްސަ އެކުއަކަލްޗާ ކޮންޓެއިނަރު ސިސްޓަމެއް އޮސްޓްރޭލިޔާގައި ވަނީ ތައްޔާރުކޮށްފައެެވެ. އެ ސިސްޓަމް މިހާރު ވަނީ މަނިޔަފުށީގައި ހިންގާ މެރިކަލްޗާ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ބަހައްޓައިފައެވެ.

އާންމުކޮށް މުރަކަ ވިހާ ދުވަސްވަރަކީ ފެބްރުއަރީ އާއި މެއި މަހާ ދެމެދެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މި ދުވަސްވަރު އެ ސިސްޓަމްގެ ބޭނުންކުރުން ފަށައި އެ ސިސްޓަމްގެ ޒަރީއްޔާއިން ފަރުތައް އިޔާދަކުރުން ތަޖުރިބާ ކުރުމުގެ ތައްޔާރީތައް ވަމުންދާކަމަށެވެ.

އަދި އެ ވުޒާރާއިން ބުނީ އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުމުގެ ކުރިން އެމްއެމްއާރްއައިގެ މުވައްޒަފުން މިދިޔަ އަހަރު، އޮސްޓްރޭލިއާގެ އެއިމްސްގެ ފެސިލީޓީގައި ތަމްރީނު ހޯދާފައި ވާކަމަށެވެ.

comment ކޮމެންޓް