200 ބަސްތާ ސިމެންތިއާއެކު މަކުނުދޫ ފަރަށް ބޯޓެއް އަރައިފި

މަކުނުދޫ ފަރަށް އެރި ބޯޓު: ބޯޓު ފަރަށް އެރިއިރު ބޯޓުގައި ހުރީ ސިމެންތި ބަސްތާތަކެއް--- ޕޮޓޯ/ ސިޑޭ

އިއްޔެ 200 ބަސްތާ ސިމެންތިއާއެކު ހދ. މަކުނުދޫ ފަރަށް ބޯޓެއް އަރައިފިއެވެ.

މަކުނުދޫ ކައުންސިލްގެ މެންބަރަކު 'ސަން'އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފަވަނީ އިއްޔެ ހަވީރު 15:30 އާއި 16:00 އާއި ދެމެދުގެ ވަގުތެއްގައިކަމަށެވެ. އަދި ބޯޓު ފަރަށް އެރިވަގުތު ދިވެހި ފަޅުވެރިއަކާއި ހަ ބިދޭސީ ފަޅުވެރިން ތިބިކަމަށް އޭނާ މައުލޫމަތު ދެއްވައެވެ.

ބޯޓުގައި 200 ބަސްތާ ސިމެންތިހުރިއިރު އެއްވެސް ބަސްތާއަކަށް ގެއްލުންވެފައި ނުވާކަމަށާއި ބޯޓުގެ ފަޅުވެރިންގެ އިތުރުން ބޯޓަށް ވެސް ގެއްލުމެއްވެފައި ނުވާކަމައް އެފަރާތުން މައުލޫމާތުދެއެވެ.

މަކުނުދޫ ފަރަށް އެރި ބޯޓު: ބޯޓު ފަރަށް އެރިއިރު ބޯޓުގައި ހުރީ ސިމެންތިބަސްތާތަކެއް--- ޕޮޓޯ/ ސިޑޭ

ބޯޓު ފުންކުރެވިފައި ވަނީ ރޭގަ 23:00ގައި ކަމަށާއި ބޯއްޓުފުންކުރުމުގައި މަކުނުދޫ ރައްޔިތުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބުނުކަމަށް އެރަށު ކައުންސިލުން ވަނީ މައުލޫމާތުދީފައެވެ.

އަދި އެ ބޯޓު މިހާރުއޮތީ މަކުނުދޫ ފަޅުތެރޭގައި އަޅާފައިކަމަށް ވެސް އެ ރަށު ކައުންސިލުން މައުލުމާތުދެއެވެ.

ބޯޓު ފަރަށް އެރުމުގެ ހާދިސާތައް މީގެ ކުރިން ވެސް ކައިރިކައިރީގައި ހިނގާފައި އެބަހުއްޓެވެ. މިފަދަ ހާދިސާތަކުގައި ފަރަށް ބޮޑެތި ގެއްލުންތަކެއްވެ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެ އުޅަނދުތައް ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކޮށްފައި ވެއެވެ.

comment ކޮމެންޓް