ޅޮހީގައި ބަލި މީހުން އުފުލަނީ ބަގީ އާއި ރަށު ޕިކަޕުގައި

ޅޮހީގައި ބަލިމީހުން އުފުލާ ދަތި ހާލު --

ނ. ޅޮހީގައި އެމްބިއުލާންސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ރަށު ޕިކަޕެއްގައި ބަލި މީހުން އުފުލާތާ އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

މިކަމާ ގުޅިގެން ޅޮހީ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް މުހައްމަދު މަނިކު "ސަން"އަށް ވިދާޅުވީ އެމްބިއުލާންސަށް އެކި މައްސަލަތައް ކުރިމަތިވާތާ އެތައް އަހަރެއް ވެފައިވާކަމަށެވެ. ނަމަވެސް ކުރިމަތިވާ ބައެއް މައްސަލަތައް ހައްލުކޮށްގެން ވެސް ބޭނުން ނުކުރެވޭވަރަށް އެމްބިއުލާންސް މިހާރު ހަލާކުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މީހަކު ހޮސްޕިޓަލަށް އުފުލަން ޖެހިއްޖެ ހާލަތެއްގަ ރަށު ޕިކަޕުގަ މީހުން އުފުލަނީ،" މުހައްމަދު މަނިކު ވިދާޅުވިއެވެ.

ރަށުގައި އެމްބިއުލާންސެއް ނެތްކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާއިރު މުހައްމަދު މަނިކު ވިދާޅުވީ އުމުރުން ދުވަސްވީ ހާލުދެރަ މީހުން ރަށު ޕިކަޕުގައި އުފުލަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށެވެ. އަދި ވިއްސާރައިގައި މީހަކު އުފުލަން ޖެހިއްޖެ ހާލަތެއްގައި ރަށު ޕިކަޕުގައި ސަތަރި ދަމާ ހިޔާކުރަން ވެސް ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބަލި މީހުން ސިއްހީ މަރުކަޒަށް ގެންދިއުމަށް ގިނަ ވަގުތު ހޭދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުރީ ރޭގަ ވެސް ހަމަ ބަގީގަ ބަލި މީހަކު އުފުލަން ބަގީ ހިޔާކޮށް މީ ވަރަށް ބޮޑު ކަމެއްތާ. އަދި އެމަޖެންސީ ހާލަތް ތަކުގަ ވަރަށް އުނދަގޫ ވޭ ރައްޔިތުންނަށް ވެސް. އެހެންވީމަ އެހާ ބޮޑަށް މި މައްސަލަ މިހާ ބޮޑަށް ހޫނު ވެގެން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.

ޅޮހީގައި ބޯ ވިއްސާރާގައި ބަލިމީހަކު އެހެން ރަށަކަށް ފުރުވަން މަސައްކަތްކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބަލި މީހާ އުފުލަނީ ރަށު ޕިކަޕުގައި ސަތަރިގަނޑެއް އަޅާ އެ ސަތަރި ގަނޑު ދަށުގައެވެ.

އެ ވީޑިއޯ ހިއްސާކުރި މީހާ ބުނެފައިވަނީ ޅޮހީގައި ރޯގާ ބަލިމަޑުކަމެއް ފެތުރެމުން ދާ ދުވަސްވަރެއްގައި ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލާ ދަތިހާލު އެ ވީޑިއޯއިން ފެންނަ ކަމަށެވެ.

ކޮވިޑުގެ ތެރޭގައި ވެސް އެމްބިއުލާންސްގެ ބޭނުން ގިނަފަހަރު ނުހިފޭކަން ކައުންސިލްގެ ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

އެމްބިއުލާންސެއް ނެތުމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ކައުންސިލާއި ސިއްހީ މަރުކަޒުން ހެލްތު މިނިސްޓްރީއާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި އެންމެ ފަހުން ރާއްޖެގެނައި އެމްބިއުލާންސް ޝިޕްމަންޓުގައި ވެސް ޅޮއްސަށް އެމްބިއުލާންސް ލިބޭނެކަމުގެ އުންމީދުގައި ތިއްބާ، އެމްބިއުލާންސް ލިބޭ ރަށްރަށުގެ ލިސްޓުގައި އެރަށް ނުހިމެނުނީ ކީއްވެކަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ރިކުއެސްޓު ކުރިން ދެން އަންނަ ޝިޕްމަންޓެއްގަ މިރަށަށް އެމްބިއުލާންސް ހަމަޖައްސައިދޭން. އެކަމަކު މިހާރު އެއްވެސް އުންމީދެއް ނެތް ލިބޭނެކަމަށް ބުންޏަސް،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށު ރައްޔިތުން ވެސް އެކަމާ މާޔޫސްވެ އުންމީދު ކަނޑާލާފައިވާކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ވަގުތީ ހައްލެއް ހޯދައިދިނުމަކީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މި މައްސަލަ ހައްލުކޮށްދޭން ވަގުތީ ހައްލެއް ވިޔަސް ހޯދައިދިނުން މިވަގުތު އަޅުގަނޑުމެނަށް މުހިންމީ. އެއްޗެއް ނެތުމަށްވުރެ އެގޮތް ވެސް މުހިންމު އަޅުގަނޑުމެނަށް،" އޭނާ ވިދާޅުވިއެވެ.

މީގެކުރިން "ސަން"އާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ސަރުކާރުގެ މާލީ ޤާބިލުކަން ހުރި މިންވަރުން އެމްބިއުލާންސް ގެނައުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނެކަމަށެވެ.

"ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ރައްޔިތުންގެ ފަސޭހައަށް އެމްބިއުލާންސް ފަދަ އެއްޗެހި ގެނައުމަށް. އެހެންނަމަވެސް ސަރުކާރުގެ ތަނަވަސްކަން ހުރިވަރުން ދެއްތޯ ގެނެވޭނީ," ނަސީމް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް