މި އަހަރު ނިމުމުގެ ކުރިން ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނ. ޅޮހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިހާރު އެ ކަން ކުރުމަށް ޓަކައި ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
"ދެން އިރާދަކުރެއްވިއްޔާ އެ ޚިދުމަތް އަންނާނީ ނ. އަތޮޅަށް. މިހާރުވަނީ އެ ކަމަށް ބޭނުންވާ ލޯންޗުފަހަރު، އުޅަނދުފަހަރު ބަނުމަށް ހަވާލުކުރެވިފައި. އުންމީދަކީ ކުރިއަށް އޮތް ދެ ތިން މަަސް ދުވަހުގެ ތެރޭ މި އަތޮޅުގައި އެ މަޝްރޫއު އެ ޚިދުމަތް ފެށިގެން ދިއުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެއީ މި އަތޮޅަށް ވެސް ކުރިއެރުން ލިބޭނެ ކަމަކަށް ވެގެންދާނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ ބަދަލާއެކުގައި ނ. އަތޮޅަށް ވެސް ބޮޑު ބަދަލެއް އަންނަތަން ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018ވަނަ އަހަރު ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއަކާއެކު އެ މަނިކުފާނު ވެރިކަން ފެއްޓެވިއިރު ޅޮހީގައި ވެސް އަސާސީ ޚިދުމަތްތަކުގެ ހާލަތު އޮތީ ދަށް ފެންވަރެއްގައި ކަމަށެވެ.
އެއީ ކަރަންޓާއި، ފެނާއި ނަރުދަމާ ނުވަތަ ތައުލީމު ކަމުގައިވީ ނަމަވެސް ކަން އޮތްގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"ހުރިހާ ކަމެއް ހުރީ ފަށަން ޖެހިފައި. ގިނަ މަސައްކަތްތަކެއް އެއްފަހަރާ ފަށަން ޖެހުނު. މި ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ އަޅުގަނޑުމެން އެންމެ ފުރަތަމަ ހަވާލުކުރި އެއް މަސައްކަތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށަކީ ފެށުނީއްސުރެ ވެސް ލަފާފުރުން ދަތި ރަށެއްކަމަށެވެ.
އޭގެ ދަތި ހުރިހާ ރައްޔިތުން ވެސް އިހުސާސްކުރާއިރު މިއަދު އެ ކަން ހައްލުކުރަން އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް މި ރަށުގައި ފެނުގެ ނިޒާމު ގާއިމްކުރުމަށް ހަވާލުކުރި ކޮންޓްރެކްޓަރާއެކު އެ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމާއެކު އެއީ ސަރުކާރުގެ ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ، އެކިފަހަރު މަތިން އެ ކަމަށް ހައްލު ހޯދައިގެން ކުރިއަށްދާން އުޅެ، އެ ކަން ނުވުމުން މިއަދު ސަރުކާރުން ނިންމައިފައިވާނީ ކޮންޓްރެކްޓު ބާތިލްކޮށް އަލުން ފަށަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެން އެ މަަސައްކަތް ހަވާލުކުރާނީ ސަރުކާރު ކުންފުންޏަކާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފެށިގެން ދާތަން ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީީ ދެވަނަ ދައުރެއްގައި:
ގިރާ ސަރަހައްދު ހިމާޔަތްކޮށް ވަކި ބީޗެއް ހަދައިދޭނެކަމަށް
މަލްޓި ޕާޕަސް ހޯލެއް ގާއިމްކުރާނެކަމަށް
ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ހެދުން
ޒަމާނީ ވަސީލަތާއެކު ޔޫތު ސެންޓަރެއް
ރިސޯސް ރޫމްތައް ސްކޫލުގައި ހެދުން