ޓެރަރިޒަމްގެ ދައުވާކޮށް ވަޒީފާއިން ވަކިކުރި މުދިމަށް އަލުން ވަޒީފާ ދޭން އަންގައިފި

މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ---

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ ވަޒީފާއިން ވަކިކުރި ރ. މަޑުއްވަރީ މުދިމަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަނަށް އަންގައިފިއެވެ.

ރ. މަޑުއްވަރީ، ސައީދާ މަންޒިލް މުހައްމަދު މައުޖޫދު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 12ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާގެ ފަރާތުން ޓެރަރިޒަމަށް ބާރުދޭ ވާހަކަތަކެއް ދައްކާފައިވާކަމަށް ތުހުމަތުކޮށެވެ.

ވަޒީފާއިން ވަކިކުރީ ގަވާއިދާ ޚިލާފަށްކަމަށް ބުނެ، މައުޖޫދު ހުށަހެޅި މައްސަލަ ބެލުމަށްފަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ނުކޮށްކަމަށެވެ.

އަދި އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ސިވިލް ސާވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ.

މައުޖޫދަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމަށް ނުބަލައި އޭނާ އަލުން ވަޒީފާއަށް ރުޖޫއަކުރުމަށާއި އެނާ ވަޒީފާގައި ދެމިހުރިނަމަ އޭނާއަށް ހައްގުވާނެ މުސާރައާއި އިނާޔަތް ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިއްޔެ ވަނީ އަމުރު ކޮށްފައެވެ.

ޓެރަރިޒަމްގެ މައްސަލައެއްގައާއި ދީނީ އެއްބައިވަންތަކަށް ނަގާލަން މަސައްކަތްކުރާކަމަށް ތުހުމަތުކޮށް 2020ވަނަ އަހަރުގެ ޖަނަވަރީ ހަތްވަނަ ދުވަހު މައުޖޫދު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލަ ތަހުގީގުކުރުމުން މައުޖޫދު މަޑުއްވަރީ މިސްކިތުގައި އިމާމަކަށް ހުރެ ނަމާދުކުރަން ދަސްކޮށްދިނުމުގެ ނަމުގައި ކުޑަކުދިން އޭނާ ދިރިއުޅޭ ގެއަށް ގެންގޮސް އެކުދިންގެ އުމުރާ ނުގުޅޭ ޓެރަރިޒަމަށް ހިއްވަރުދޭ ވަހަކަ ދައްކާފައިވާކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

ނަމަވެސް މައުޖޫދު އެފަދަ އަމަލެއް ހިންގާފައިވާކަން ފުލުހުންނަށް ސާބިތުވީ ކިހިނެތްކަން އެނގޭނެ ގޮތް ސާބިތުކޮށްދޭން ފުލުހުންގެ ރިޕޯޓެއް ސިވިލް ސާވިސް ކޮމިޝަނުން ހުށަހަޅާފައިނުވާ ކަމަށް އެ ނިންމުމުގައިވެއެވެ.

comment ކޮމެންޓް