ގއ. ކަނޑުހުޅުދޫ އައުޓްޑޯ ވޮލީ ކޯޓަކާއި، ބ. އޭދަފުށީގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ޔޫތު މިިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްްމިއްޔާތެއްގައި ކަނޑުހުޅުދޫ ވޮލީ ކޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކޮމްޕެނީއާއެވެ. އެ ކުންފުންޏާއެކު ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާސިހް ރަޝީދެވެ. 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ އެ ވޮލީ ކޯޓު ނިންމަން ޖެހެނީ 39 ދުވަހުގެ ތެރޭގައެވެ.
މީގެއިތުރުން އޭދަފުށީގައި ތަރައްގީކުރާ ފުޓްސަލް ދަނޑު އެޅުމަށް ހަވާލުކޮށްފައިވަނީ ތްރީ ޓްރީ މޯލްޑިވްސްއާއެވެ. އެކުންފުޏަށް މަސައްކަތް ހަވާލުކުރީ 1.5 މިލިއަން ރުފިޔާގެ އަގަކަށް 50 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ބ.އޭދަފުށީގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ތްރީ ޓްރީ މޯލްޑިވްސް އާއެކު ވަނީ ސޮއިކުރެވިފައި. pic.twitter.com/3mQ5X9Zy2L
— Ministry of Youth,Sports and Community Empowerment (@MoYSCEmv) September 5, 2022
މިދިޔަ ހަފުތާގައި ވެސް ވަނީ ރ. އިނގުރައިދޫ، ދ. ބަނޑިދޫގެ ޔޫތު ސެންޓަރު އެޅުމަށް ހަވާލުކޮށްފައެވެ. އަދި ފ. މަގޫދޫގައި ފުޓުބޯޅަ ދަނޑެއްގެ ސަބްވޭ އެޅުމަށާއި ޓާފު އެޅުމަށް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.