އަނެއްކާވެސް ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި

ޒުވާނުންގެ އެވޯޑު ދިނުމަށް ބޭއްވުނު ރަސްމިއްޔާތެއްގެ ތެރެއިން--- ފޮޓޯ/ ޔޫތު މިނިސްޓްރީ

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް ޔޫތު މިނިސްޓްރީއިން އަލުން ހުޅުވާލައިފިއެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ޒުވާނުންގެ އެވޯޑް ދިނުމަށް ޖަލްސާ ބޭއްވުމަށް މީގެކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 12 ވަނަ ދުވަހެވެ. ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އެ ޖަލްސާ ބޭއްވުން ފަސްކޮށްފައެވެ.

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

މިިނިސްޓްރީން ވަނީ މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، އަލުން ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ހުޅުވާލާފައެވެ.

އަދި އެޕްލިކޭޝަން ބަލައިގަތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެއާއެކު ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެވޯޑަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓާ) އަށް ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް