މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކ.ގާފަރު ފަރަށް އަރައި، އަޑިއަށް ދިޔަ ލަންދޫ ބޯޓު މިއަދު ފެން މައްޗަށް ނަގައިފިއެވެ.
އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި، ލަންދޫއަށް ނިސްބަތްވާ، އަހުމަދު ރިފާހު މިއަދު 'ސަން' އަށް ބުނީ ލަންދޫ ބޯޓު ފެން މައްޗަށް ނެގުނީ މިއަދު 11:00ހާއިރު ކަމަށެވެ.
"ބެލޫން ބޭނުން ކޮށްގެން އަޅުގަނޑުމެން އެ މަސައްކަތް ކުރީ. ކުރެވުނު މަސައްކަތުން މިއަދު ހެނދުނު 11:00ހާއިރު މިވަނީ ބޯޓު ފުން ކުރެވިފަ،" އޭނާ ބުންޏެވެ.

ކ. ގާފަރަށް އަރައި އަޑިއަށް ދިޔަ ލަންދޫ ބޯޓު ފެން މައްޗަށް ނެގުން --- ފޮޓޯ/ ރިފާހު
ރިފާހު ބުނީ މިހާރު ކުރަމުންދަނީ އެ ބޯޓު ގާފަރު ފަޅަށް ވެއްދުމުގެ މަސައްކަތް ކަމަށެވެ.
އެ ބޯޓު ފުންކުރުމުގެ މަސައްކަތަށް ލަންދޫއިން 54 މީހުންގެ ޓީމެއް ވަނީ ގާފަރަށް ގޮސްފައެވެ. އެ ޓީމާއި، ގާފަރު ރައްޔިތުންގެ އެއްބާރުލުމާއެކު ލަންދޫ ބޯޓު މިއަދު ފުންކުރީ ތިން ދުވަހުގެ މަސައްކަތުންނެވެ.
ރިފާހު ވަނީ މިކަމުގަައި ގާފަރު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަން ފާހަގަކޮށްފައެވެ.

ކ. ގާފަރަށް އަރައި އަޑިއަށް ދިޔަ ލަންދޫ ބޯޓު ފެން މައްޗަށް ނެގުން --- ފޮޓޯ/ ރިފާހު
އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުން ގާފަރަށް ގެންދިޔައީ އެ ރަށު ބަޔަކު ހާދިސާ ހިނގި ސަރަހައްދަށް ގޮސްގެންނެވެ. ހާދިސާ ހިނގިއިރު އެ ބޯޓުގައި ތިބީ 40 ވަރަކަށް މީހުންނެވެ.
ގާފަރުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު ގާފަރަށް ގެނައި އެންމެނަށް އެ ރަށުގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ.