"އިވުނީ އެހީއަށް ގޮވާ އަޑު، ބަލާލިއިރު އޮތީ ބެލްކަނިން އެލިގެން"

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފެނުނީ ކުއްޖަކު ދަނގަޑުގަނޑުގައި ހިފަހައްޓާލައިގެން އޮތް މަންޒަރެވެ. ބަޔަކު އެކުއްޖާ ވެއްޓުނަނުދޭން މަސައްކަތް ކުރަމުންދިޔައިރު ދެންމެ ދެންމެ ވެއްޓީދާނެއޭ ހީވެއެވެ. ގަދައަށް ވައި ޖެހެމުން ދިޔައިރު ބަލާ މީހަކުވެސް ބިރުން ހަލާކުވާކަހަލަ ވީޑިއޯއެކެވެ.

މިއީ ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލޭ ދެވަނަފިޔަވަހީގައި ގާއިމް ކޮށްފައިވާ 25 ބުރީގެ ހިޔާ ފްލެޓަކުން ވެއްޓެން އުޅުން މީހަކު ސަލާމަތްކުރަން ބަޔަކު މަސައްކަތް ކުރަމުންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއްގެ ވާހަކައެވެ.

އެ ވީޑިއޯއިން ފެންނަނީ އެއް ވަނަ ފްލެޓްގެ 13 ވަނަ ފްލޯއިން މީހަކު ގޭގެ ބެލްކަނިން ބޭރަށް ވާގޮތަށް އެލިގެން އޮންނަ މަންޒަރެވެ. އޭނާގެ އަތުގައި މީހަކު ހިފައިގެން އޮތް އިރު 12 ފްލޯއިން ބަޔަކު އޭނާގެ ފައިގައި ހިފަހައްޓައިގެން ތިއްބެވެ. ވީޑިއޯ ބަލަމުން ދާއިރު ބިރުން ހީބިހި ނަގާހާ ބިރުވެރިއެވެ. އެހާ މަތިން މީހަކު ވެއްޓިޖެނަމަ ވެދާނެ ގޮތް ހިތަށް ގެންނަން ވެސް ދައްޗެވެ.

ހާދިސާ ހިނގި ވަގުތު: އެހީވި އާއިލާގެ ދުލުން

އުމުރުން 18 އަހަރުގެ އަންހެން ކުއްޖާ ސަލާމަތްކުރަން އެހީވިތި އާއިލާއިން ކިޔައިދިން ގޮތުގައި އެ މީހުން ބެލްކަންޏަށް ނިކުތީ މާބޮޑަށް އަޑުގަދަވެގެންނެވެ. އެއީ އެ އަންހެން ކުއްޖާ އެހީއަށް ގޮވަމުން ދިޔަ އަޑާއި އޭނާއަށް އެހީތެރިވަމުން ދިޔަ މީހާގެ އަޑެވެ.

އެމީހުންނަށް އެކަން ފެނުނީ އެހީއަށް އެދެން ފެށިތާ ފަސް ވަރަކަށް މިނެޓު ފަހުންނެވެ. ބެލްކަންޏަށް ނުކުތް ވަގުތު ފެނުނީ ބިރުވެރި މަންޒަރެކެވެ. މަތީ ފްލޯއިން މީހެއް އެލިގެން އޮތް އިރު އޭނާ ދިޔައީ އެހީއަށް އެދި ހަޅޭއްލަވަމުންނެވެ. އެވަގުތު ގޭގައި މާ ގިނަ ބަޔަކު ނެތުމާއެކު އެހީއަށް އެދި އެމީހުންވަނީ ފުލުހުންނަށް ގުޅާފައެވެ.

"އެ މީހާގެ ފައިގަ ހިފަހައްޓައިގެން ހުރީ ވެއްޓިދާނެތީ. އަދި ވީ އެންމެ އަވަހަކަށް ފުލުހުންނަށް ގުޅިން. ނަސީބަކުން ވަރަށް އަވަހަށް ފުލުހުން އައި،" އާއިލާއިން ކިޔައިދިނެވެ.

ކުއްޖާ ސަލާމަތްކުރީ ކިހިނެއް؟

އެ ހާދިސާ ހިނގިވަގުތުގެ ވީޑިއޯ އިން ފެންނަނީ 12 ވަނަ ފްލޯއިން ވެއްޓެން އުޅުން މީހާގެ ފައިގައި ހިފުމަށްފަހު އެ ގެއަށް އޭނާ ނަގާތަނެވެ. އެ މީހާ ސަލާމަތް ކޮށްދީ 12 ވަނަ ފްލޯގެ ބެލްކަންޏަށް އޭނާ ނަގައިދިނީ ފުލުހުންނެވެ. މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ނަމަވެސް އެހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ވެސް އެނގިފައިނުވާއިރު އެ ހާދިސާ ހިނގި މީހާގެ އާއިލާއިން ވަނީ އެ މައްސަލައާ ގުޅިގެން މައުލޫމާތު ހިއްސާ ކުރަން އިންކާރު ކޮށްފައެވެ.

ކޮންމެއަކަސް މިފަދަ ނުރައްކާތެރި ހާދިސާތަކަކީ ނުދައްކާ ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެކެވެ. މިފަދަ ބިރުވެރި ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އުސް އިމާރާތްތަކުގެ ބެލްކަނީގައި އުޅޭއިރު ސަމާލުވުމަކީ ވަރަށްވެސް މުހިއްމު ކަމެވެ.

comment ކޮމެންޓް