ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް (ސީއޭޕީއޭސީ)ގެ ޗެއާއަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އިންތިޚާބުކޮށްފިއެވެ.
އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. އޭނާ އެ މަގާމަށް އިންތިޚާބުވީ ޓްރިނިޑާޑް އެންޑް ޓޮބާގޯއާއި ސީޝެލްސް އާ ވާދަކޮށްގެނެވެ.
ސީއޭޕީއޭސީގައި ހިމެނޭނީ ކޮމަންވެލްތް ގައުމުތަކުގެ ޕަބްލިކް އެކައުންޓްސް ޗެއާއިންނެވެ.
"މީގަ މިކުރާ މަސައްކަތަކީ ޓްރާންސްޕޭރަންސީއާ ވެލިއު ފޯ މަނީ އޯނިންގްސް އާ ދެން ޕަބްލިކް އެކައުންޓްސް ކޮމިޓީ ގަވަމަންޓް ގެ ސްޕެންޑިންއަށް އެކައުންޓަބަލް ކުރުމަށްޓަކާ އެންމެ އިފެކްޓިވްކޮށް އެކަން ކުރެވޭނެ ގޮތަށް މަސައްކަތް ކުރެވޭތޯ ބެލުން،" "ސަންއާ ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވިއެވެ.
ނާޝިޒް ވިދާޅުވީ 2019ވަނަ އަހަރު ކޮމަންވެލްތުގެ ޕަބްލިކް އެކައުންޓްސް އެސޯސިއޭޝަނާ ގުޅުމުން ވަރަށް ގިނަ ކަންކަން ދަސްވިކަމަށެވެ.
"އެގޮތަށް ދަސްވި ކަމެއް ފައިނެންޝިއަލް އިޝޫސްގަ ނޫނީ މި ހުންނަ ކަންކަމުގަ މަސައްކަތް ކުރާއިރު ސިޔާސީ ވިސްނުން އެއްފަރާތް ކޮށްފަ ވީހާވެސް ބޮޑަށް އޭގެ އިޝޫ އަށް ނޫނީ ފެކްޓްސްއާ ދިމާލަށް ގޮސްގެން އޭގެ އެންމެ ރަނގަޅު އެއްބަސްވެވޭ ގޮތަކަށް ޑިޒިޝަން ނަގަން،" އޭނާ ވިދާޅުވިއެވެ.
އެގޮތުން ކޮވިޑްގައި ހާލު ދެރަވާ މީހުންނަށް ފަރުވާދިނުމަށް ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ވެސް މާލިއްޔަތު ކޮމިޓީން ކަންކުރީ އެ އުސޫލުން "ކްރޮސް ޕާޓީ"ކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމަންވެލްތުގެ ޕަބްލިކް އެކައުންޓްސް އެސޯސިއޭޝަންގެ ޗެއާއަށް އޭނާ ހޮވުމުން ރާއްޖެއަށް އެކަމުގެ ގިނަ ފައިދާތައް ކުރާނެކަމަށް ނާޝިޒް ވިދާޅުވިއެވެ. އެގޮތުން އިތުރު އުކުޅުތައް ރާއްޖެއަށް ތައާރަފްކޮށް، މާލިއްޔަތު ކޮމިޓީގެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސީއޭޕީއޭސީ އަކީ 2015ވަނަ އަހަރު ވުޖޫދުވި އެސޯސިއޭޝަނެކެވެ. މި އެސޯސިއޭޝަންގެ ޗެއާއަކަށް ކުރިން ހުންނެވީ އިނގިރޭސިި ވިލާތުގެ ޕާލިމެންޓް މެންބަރު އަދި އެ ގައުމުގެ ޕަބްލިކް އެކައުންޓްސްގެ ޗެއާ މެގް ހިލާއެވެ.