ރައްޔިތުންގެ މަޖިލީހުގައި މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން އިތުރުފުޅުހައްދަވާ ކަަމަށް މެމްބަރު ތުހުމަތު ކުރައްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ފިރުޝާން ވަނީ ގދ. ހޯނޑެއްދޫގައި ހޮރައިޒަންއިން ހަދަން ފަށާފައިވާ މަސް ފެކްޓްރީ ނިންމަން ދީފައިވާ މުހުލަތަކީ ކޮބައިތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ. އަދި ތާރީޚުތަކާ މުއްދަތު އިތުރުކުރެވުނު ސަބަބުތައް ވެސް ކިޔައިދިނުމަށް މެމްބަރު ވަނީ އެދިފައެވެ.
އެ ސުވާލަށް ވަރަށް ތަފްސީލުކޮށް މިނިސްޓަރު ވަނީ ޖަވާބު ދެއްވާފައެވެ. ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖަކާ މަސް ގަންނަ ފެސިލިޓީއެއް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއާ ސަރުކާރާ ދެމެދު އެއްބަސްވެފައި ވަނީ 2005 ވަނަ އަހަރު ކަމަށް ވިދާޅުވިއެވެ.
"ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމް ކުރުމަށް ބިން ދޫކޮށްފައިވާ ކަމަށް އަޅުގަނޑުމެންގެ ރިކޯޑްތަކުން ފެންނަނީ 2005 ޑިސެމްބަރު 8 ގައި. އެހެން ކަމުން ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމްކޮށް ނިންމުމަށް ވޯކް ޕްލޭންގައި ފުރަތަމަ ހަމަޖެހިފައިއޮތީ 7 ސެޕްޓެމްބަރު 2006 ގެ ނިޔަލަށް." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހޮރައިޒަން ފިޝަރީޒް އިން ފިޝަރީޒް މިނިސްޓްރީއަށް 2006 ވަނަ އަހަރު އެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތު އިތުރު 358 ދުވަހަށް އިތުރު ކޮށްދިނުމަށް އެދިފައިވާތީ 2007 ވަނަ އަހަރުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދެވިފައިވާ ކަމަށް ރިކޯޑްތަކުން ދައްކާ ކަމަށެވެ.
އެގޮތުން މުއްދަތު އިތުރު ކޮށްދީފައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ތިބޭނެ ވަގުތީ އިމާރާތް ގާއިމް ކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަގަނޑާ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަޝްރޫއުގެ ޖުމްލަ އަގު 35 ޕަސެންޓު ބޮޑުވެފައިވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 2001 ވަނަ އަހަރު ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމުމަށް ވަރަށް ބޮޑެތި ހުރަސްތައް ދިމާވެފައިވާ ކަމަށާއި އެ މަސައްކަތް ނިންމުމަށް ދީފައިވާ ތާރީޚު 2008 އަށް އިތުރު ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
އެގޮތުން ބޭނުންވާ ބައެއް މުދާ އަގު ބޮޑުވެފައިވުމާ އެތަކެތި ވިއްކާ ފަރާތްތަކުގެ ކޮމިޓްމަންޓް ނުލިބި ލަސްވާކަން ހޮރައިޒަން އިން ފާހަގަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ބޭނުންވާ ތަކެތި އިމްޕޯޓް ނުކުރެވުމާ ސިމެންތި ލިބުމަށް ދަތި ވުމާ ކޮންސްޓްރަކްޝަން މަސައްކަތައް މީހުން ނުލިބުމުގެ ސަބަބުން ވެސް ދަތިވާ ކަމަށް ހޮރައިޒަން އިން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހޯނޑެއްދޫން ބަނދަރު ފުންކުރިއިރު ނަގާފައިވާ ވެލީގެތެރެއިން ހޯނޑެއްދޫގައި ހޮރައިޒަނުން ހިންގާ މަޝްރޫއުގެ ކަންކަމަށް ބޭނުން ކުރުމަށްފަހު ބާކީވާ ވެލި، ހޯނޑެއްދޫއާއި މަޑަވެލި ހިއްކުމަށް ބޭނުން ކުރުމަށްޓަކައި ފެސިލިޓީ ސައިޓުގައި ވަގުތީ ގޮތުން ބަހައްޓާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެ ވެލި އެތަނުން ނުނަގާ ލަސްވަމުންދާތީ އަދި އެކަމުގެ ސަބަބުން އެތަނުގައި ގާއިމްކުރަން ޖެހޭ ކޯލްޑް ސްޓޯރޭޖް ގާއިމް ނުކުރެވި ލަސްވަމުންދާތީ އެކަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އެ ސިޓީގައި ވެލިފުނި ނަގައި އަޅާނެ ތަނެއް ހަމަޖައްސައި ނުދެނީސް އެ ޕްރޮޖެކްޓް ނިމޭނެ ތާރީޚެއް ލަފާކުރަން ދަތިކަމުގަ އެކުންފުނިން އަންގާފައިވޭ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނެގި ވެލީގެ ބޮޑު ބައެއް ބަހައްޓާފަ ހުރީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ކަމަށެވެ. އެހެންކަމުން އެ ވެލިތައް އެތަނުން ނުނަގަނީސް ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމް ކުރުމަށްޓަކައި ހަދަން ޖެހޭ އިމާރާތްތައް ހެދުމާ އަދި އެނޫން ވެސް ކަންކަން ނުކުރެވި އޮތް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މިއަދާ ހަމައަށް އެ މަސައްކަތް ނުނިމި އޮތް ސަބަބު ތަފްސީލުކޮށް ވިދާޅުވެފައެވެ. އެއަށްފަހު ދެވަނަ ފުރުސަތުގައި މެމްބަރު ފިރުޝާން ވިދާޅުވީ މިނިސްޓަރު އެ ދަންނަވާ ވެލިތައް ހުރީ ހޮރައިޒަންއަށް ދޫކޮށްފައިވާ ސައިޓުން ބޭރުގައި ކަމަށެވެ.
"އިއްޒަތްތެރި ވަޒީރަށް މިތަނުގައި ޖަވާބެއް ނުދެއްވޭނެ އެ ކުންފުނީގެ ފަރާތުންނެއް. ވަޒީރެއްގެ ހައިސިއްޔަތުން އިއްޒަތްތެރި ވަޒީރު މިތަނުގައި ޖަވާބު ދެއްވަން ވާނީ،" މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ފިރުޝާން ދެވަނަ ފުރުސަތުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓަރަށް ޖަވާބު ދެއްވޭނީ މިނިސްޓްރީގެ ފައިލުތަކުން އެނގޭ އެއްޗެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެއާއެކު ނިޒާމާ ބެހޭ މައްސަލައެއް ނަންގަވާ މެމްބަރު ފިރުޝާން ވިދާޅުވީ މިނިސްޓަރު ކަނޑައެޅިގެން އިތުރުފުޅު ހައްދަވާ ކަމަށެވެ.
"އެ ވެލި ހުރީ އެތާކު ނޫން. ހަމަ ކަނޑައެޅިގެން އިތުރުފުޅެއް އެ ހައްދަވަނީ." މެމްބަރު ވިދާޅުވިއެވެ.
ފާއިތުވި ހަފްތާގައި ވެސް މެމްބަރު ވަނީ މިނިސްޓަރާ އެކަމާ ގުޅޭ ސުވާލެއް ކުރައްވާފައެވެ. އެދުވަހު މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް އެ ކުންފުނިން ނުކުރަނީ އެކަމުން އެ ކުންފުންޏަށް ފައިދާއެއް ނުވާނެތީ ކަމަށެވެ.
އެ މައްސަލައިގައި ދާދި ފަހުން ގދ. އަތޮޅު ކައުންސިލުން ނެރުނު ގަރާރެއްގައި ވަނީ ހޯނޑެއްދޫގައި ހަދަން ފަށާފައިވާ މަސް ފެކްޓަރީ ހުޅުވައި، މަސްކިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ހުވަދު އަތޮޅުގެ މަސްވެރިން ވަރަށް ބޭނުންވާ ކަމެއް ކަމަށް ބުނެފައެވެ. އަދި އެ ފެކްޓަރީގެ މަސައްކަތް ނުކުރާ ނަމަ އެ ކުންފުންޏަށް ދީފައިވާ ބިމުގެ އެގްރިމަންޓު ބާތިލުކޮށް ދިނުމަށް ގަރާރުގައި ގޮވާލާފައިވެއެވެ.