އިސްލާމްއާބާދު (28 އޮގަސްޓް 2022) : ޕާކިސްތާނަށް ކުރަމުންދާ އާދަޔާ ޚިލާފު ގަދަ ވިއްސާރައިގެ ސަބަބުން ގައުމުގެ ބޮޑުބައެއް ފެނުގެ އަޑިއަށްގޮސް ހާހަކަށް ވުރެ ގިނަ މީހުން މަރުވެ 33 މިލިޔަން މީހުންނަށް މާއްދީ ގެއްލުންތައް ލިބިފައިވާކަމަށް އެގައުމުން ބުނެފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފު ވިދާޅުވިގޮތުގައި މިހާރު ކުރަމުންމިދާ ވިއްސާއަކީ 2010 ވަނަ އަހަރު އެގައުމަށް ކުރި އާދަޔާ ޚިލާފު ވިއްސާރައަށް ވުރެ ވެސް ގެއްލުން ބޮޑު ވިއްސާރައެކެވެ. މި ވިއްސާރައިގެ ގެއްލުން ޕާކިސްތާނުގެ އާބާދީގެ 15 އިންސައްތަ މީހުންކަމަށްވާ 33 މިލިޔަން މީހުންނަށް ފޯރާފައިވާކަން ބަޔާން ކުރައްވަމުން ޝެހެބާޒު ޝަރީފު ވަނީ ވިއްސާރައިގެ ސަބަބުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ ޕާކިސްތާން ރައްޔިތުންނަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދިނުމަށް އދ. އަށާއި އިންސާނީ އެހީދޭ ޖަމްއިއްޔާ ޖަމާއަތްތަކަށް އިލްތިމާސް ކުރައްވާފައެވެ.
މޫސުމީ ބަދަލުތަކާބެހޭ ޕާކިސްތާނުގެ ވަޒީރު ޝެރީ ރަޙްމާން ވިދާޅުވިގޮތުގައި މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ދަނީ އާދަޔާ ޚިލާފަށް ވިއްސާރަ ކުރަމުންނެވެ. ހުއްޓުމެއް ނެތި ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުން ދިޔުމުގެ ސަބަބުން ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކެއް ފެނުގެ އަޑިއަށް ގޮސް ހަ ލައްކަ ގެ ހަލާކުވެ ދެ ލައްކަ އަށްވުރެ ގިނަ މީހުން މަގުމަތިވެ އެ މީހުންނަށް އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވެފައިވާ ކަމަށް ޝެރީ ރަޙްމާން ވިދާޅުވިއެވެ.

ޕާކިސްތާނުގައި ފެންބޮޑުވެފައި
މީގެއިތުރުން ވިއްސާރައިގެ ސަބަބުން 122 ފިހާރަ އާއި 145 ބްރިޖު ވެއްޓި 3082 ކިލޯމީޓަރުގެ މަގާއި ހައިވޭ ވަނީ ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ހަލާކުވެފައެވެ. ނަތީޖާއެއްގެ ގޮތުން ފެންބޮޑުވެފައިވާ ގިނަ ހިސާބުތަކަށް ދެވޭނެ ގޮތެއްވެސް ނެތެވެ. ގިނަ ސަރަހައްދުތައް ފެނުގެ ސަބަބުން އެކަހެރިވެ ޚިދުމަތް ފޯރުކޮށްދޭން އިންތިހާއަށް ދަތިވެފައިވާކަން ވެސް ޝެރީ ރަޙްމާން ފާހަގަ ކުރެއްވިއެވެ.
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގެ ގެއްލުން އެންމެ ބޮޑަށް ލިބިފައިވަނީ އެގައުމުގެ ދެކުނުގެ ޕްރޮވިންސް ތަކަށެވެ. ދެކުނުގެ ޕްރޮވިންސްތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސިންދު ޕްރޮވިންސްގެ ސަރަހައްދުތަކަށެވެ.
އެހެން އަހަރުތަކުގެ ވިއްސާރަ މޫސުމުގައި ސިންދު ޕުރޮވިންސަށް ވާރޭވެހޭ މިންވަރަށް ވުރެ އަށް ގުނަ އިތުރަށް މި އަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހިފައިވާކަން މޫސުމާބެހޭ ޕާކިސްތާނުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފު މިދިޔަ ހުކުރު ދުވަހު ވަނީ ސިންދު ޕްރޮވިންސްގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށް ވަޑައިގެން އެތަންތަނަށް ލިބިފައިވާ ގެއްލުންތަކާއި ހާލުގައި ޖެހިފައިވާ އާންމުން އުޅެންޖެހިފައިވާ ނިކަމެތި ހާލު ބައްލަވާލައްވާފައެވެ.
ސިންދު ޕްރޮވިންސްގައި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޕާކިސްތާން ސިފައިންގެ 6500 މީހުންގެ ލަޝްކަރެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ވިއްސާރައިގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު އެތައް ހާހަކުން ގުނާލެވޭއިރު ފެނުގެ ސަބަބުން އެކަހެރިވެ ގެއްލިފައިވާ 40 ހާހަށްވުރެ ގިނަ މީހުން ވަނީ ސިފައިންގެ އެހީގައި ހޯދައި ރައްކާތެރި ތަންތަނަށް ގެންގޮސްފައެވެ.
ޕާކިސްތާނަށް ކުރަމުންދާ އާދަޔާ ޚިލާފު ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެގައުމުގެ އެތައް ސަރަހައްދެއްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާ ބުނާގޮތުން ފާއިތުވި ހައެއްކަ އަހަރު ތެރޭގައި ޕާކިސްތާނަށް ކުރާ ވިއްސާރައިގެ މިންވަރު ވަނީ ބޮޑުވެފައެވެ. އަދި ޕާކިސްތާނުގެ އެކި ސަރަޙައްދުތަކަށް އަރާ ތޫފާންތަކުގެ އަދަދުވެސް އިތުރުވެ ތޫފާންތަކުގެ ބާރުވެސް ގަދަކަން އެ އިދާރާއިން ފާހަގަކުރެއެވެ.