ލ. އިސްދޫ, ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވާލުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ދަނބިދޫ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކިބައިން އެދިއްޖެއެވެ.
ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވާލުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ދައުރު ނިމެން ކައިރިވެފައިވާއިރު، އެ މަސައްކަތް ކުރުމަށް މިހާތަނަށް އެއްވެސް ކުންފުންޏަކާ ހަވާލު ކޮށްފައި ނުވާތީ، ކަލައިދޫ ރައްޔިތުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިހުތިޖާޖުކޮށްފައެވެ.
ރައީސް ދަނބިދޫ ކައުންސިލާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ، ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހިންގާފައިނުވާތީ ރައްޔިތުން މާޔޫސްވެފައި ތިބިކަން ފާހަގަ ކުރައްވާފައެވެ.
މި ސަރުކާރުން ވެފައިވާ ގިނަ ވައުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަން ފެށުމުގެ ސަބަބުން ދަނބިދޫ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާކަމަށް ކައުންސިލަރުން ވިދާޅުވިއެވެ. އަދި ކައުންސިލަރުން ވަނީ އެކަމަށް ޓަކައި، ދަނބިދޫ ރައްޔިތުންގެ ނަމުގައި ސަރުކާރަށާއި ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. ދަނބިދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ދަނބިދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ދަތިތައް ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތަކާއި، ސިއްހީ މަރުކަޒުގައި މުވައްޒަފުން މަދުވުމާއި ލެބޯޓަރީއެއް ނުތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސްކޫލްގެ ލައިބްރަރީއެއް އިމާރާތްކުރުމަށް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. ދަނބިދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ދަނބިދޫގައި ކުނިކޮށްޓެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުން ވަނީ ތަފްސީލުކޮށް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. އެއާއެކު ރަށުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ދާއިރާގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާކަމުގައި ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން އެންމެ އިސްކަންދީގެން ހައްލުކުރަން ބޭނުންވާކަންކަމުގެ މަައުލޫމާތު ހޯއްދަވައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ދަނބިދޫގައި ހިންގަމުންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ.