ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައި އޮތް ބޯޓެއްގެ ވެރިއަކު ހޯދަނީ

ވޭމަންޑޫ ބަނދަރަށް ލައްގާފައި އޮތް ބޯޓު -- ފޮޓޯ/ ވޭމަންޑޫ ކައުންސިލް

ތ. ވޭމަންޑޫ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރިއަކު ހޯދަން އެރަށު ކައުންސިލުން އިއްޔެ އިއުލާނުކޮށްފިއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ރަޝްވާން އާދަމް ވިދާޅުވީ ލަފާކުރެވޭ ގޮތުގައި އެ ބޯޓަކީ ފުނައްޑޫ ޓޫނާ ކުންފުނި ހިންގި އިރު ފުނައްޑޫގެ ބަނދަރުގެ ދަތިކަމުގެ ސަބަބުން ވޭމަންޑޫގެ ގުދުރަތީ ބަނދަރުގައި ވާއަޅާފައި އޮތް ބޯޓެެއް ކަމަށެވެ. ވޭމަންޑޫ ބަނދަރުގައި އެ ބޯޓު އޮންނަތާ ވެސް ވަރަށް ދުވަސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ވާ ކަނޑައިގެންގޮސް ބޯޓު ލައްވެފަ މި އޮތީ،" ރަޝްވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބޯޓު ވޭމަންޑޫ ބަނދަރަށް ލައްގާފައި އޮންނަތާ މަހަކަށްވުރެ ގިނަދުވަސް ވެފައިވާކަމަށެވެ.

ބޯޓު ވޭމަންޑޫ ގޮނޑުދޮށަށް ލައްވެފައި އޮތުމުގެ ސަބަބުން ގޮނޑުދޮށަށް ގެއްލުންތަކެއް ލިބޭނެ ކަމަށް ރަޝްވާން ވިދާޅުވިއެވެ. އެގޮތުން މިކަމުގެ ސަބަބުން ރަށް ގިރުން ފަދަ ކަންކަމާ ކުރިމަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ސަރަހައްދަކީ މިހާރު ފައިބަރު ދޯންޏެއް ވެސް ބަނދެ ނިމިފަ ބާލަން ތައްޔާރުވެފަ އޮތް ތަނެއް. އަދި ފައިބަރު މަސައްކަތްތައް، ދޯނި ފަހަރާ ޑިންގީތައް މަރާމާތުކުރާ މިކަހަލަ ކަންކަން ކުރާ ސަރަހައްދެއް މީ. އެހެންވީމަ ދޯނިތައް ބާލާ ހެދުމުގައި ވެސް ވަރަށް ބޮޑަށް ދަތިތަކެއް ކުރިމަތިވާނެ،" ރަޝްވާން ވިދާޅުވިއެވެ.

"ސިންދިތާ ނ. 702" ނަމަކަށް ކިޔާ އެ ބޯޓު އޮތީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިއުލާނުގައިވާ ގޮތުގެމަތިން 30 ދުވަސްތެރޭ ވެރިއަކު ނުވެއްޖެނަމަ، އެއީ ވެރިއަކު ނެތް ބޯޓެއްކަމަށް ބަލައި ބޯޓު ނައްތާލުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"30 ދުވަހުގެ ތެރޭގަ ވެރިފަރާތެއް ނުވެއްޖެކަމުގައި ވާނަމަ އަޅުގަނޑުމެން މިއޮންނަ އުސޫލެއްގެ ތެރެއިން އަޅުގަނޑުމެން އެ ބޯޓު ނައްތާލާނަން. އަޅުގަނޑުމެންގެ އެދުމަކީ މި ބޯޓުގެ ވެރިއަކުވާނަމަ ވީ އެންމެ އަވަހަކަށް އެ ބޯޓު އެތަނުންނަގައި ތަން ސާފުކޮށްދިނުން،" ރަޝްވާން ވިދާޅުވިއެވެ.

comment ކޮމެންޓް