ތ. ވޭމަންޑޫގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ ފެމިލީ އެންޑް ޗިލްރެން ސެކިއުރިޓީ ސެންޓަރު (އެފްސީއެސްސީ)ގައި މުވައްޒަފަކަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލައިގައި މާދަމާ އިޖްތިމާއީ، އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ޓީމެއް އެ ރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ވޭމަންޑޫ ކުޑަކުދިން ބަލަހައްޓާ ސެންޓަރުގައި އުޅޭ ކުއްޖަކު ހަމަނުޖެހުން ހިންގައި، އެ ތަނުގެ ތަކެއްޗަށް ގެއްލުންދޭ މައްސަލައެއް ފެންމަތިވެ އޮތީ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
މި މައްސަލަ ދިމާވެފައިވަނިކޮށް، ފެމިލީ މިނިސްޓްރީން ވަނީ އިތުރު ފަސް ކުއްޖަކު އެ ރަށުގެ ކުޑަކުދިން ބަލަހައްޓާ ސެންޓަރަށް ގެނެސްފައެވެ. އޭގެ ފަހުން ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، އެ ސެންޓަރުގެ ކެއާ ވޯކަރެއްގެ ބޮލުގައި ބިއްލޫރި ބޯތަށްޓަކުން އެ ކުއްޖާ ޖެހި ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ. އަދި އެ ތަނުގައި ހުންނަ ތަކެއްޗަށް ގެއްލުންދީ ހަދާ ކަމުގެ ތުހުމަތު ވެސް އަންނަނީ ކުރަމުންނެވެ.
މި މައްސަލައިގައި އެ ރަށުގެ ރައްޔިތުން ވަނީ ކުޑަކުދިން ބަލަހައްޓާ ސެންޓަރުގެ ކައިރިއަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ވޭމަންޑޫ ކައުންސިލްގެ މެންބަރު ފައިސަލް ޔޫނުސް "ސަން"އަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށް ރައްޔިތުން އެއްވި އެއްވުންތައް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
އަދި މި މައްސަލަ ހައްލު ކުރުމަށް ޓަކައި މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް ފެމިލީ މިނިސްޓްރީގެ ޓީމެއް އެ ރަށަށް މާދަމާ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މައްސަލައިގައި ގޮތެއް ނިންމޭނީ އެ މިނިސްޓްރީގެ ޓީމުން އައިސް މަޝްވަރާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް އެ ކުއްޖާ ކުޑަކުދިން ބަލަހައްޓާ ސެންޓަރުގައި ހަމަނުޖެހުން ހިންގާ ކަމަށްވެއެވެ.
އެހެން ނަމަވެސް މި މައްސަލަ އިތުރަށް ގޯސްވީ، އެ ތަނަށް އިތުރު ފަސް ކުއްޖަކު ގެނައުމުން ކަމަށް ފައިސަލް ވިދާޅުވިއެވެ.