ޑިއުޓީ ގަޑީގައި ނިދަން ކަމަށް ބުނެ ކުޑަ ކުއްޖަކަށް ފަރުވާދޭން އިންކާރު ކުރި ޑޮކްޓަރު ހުރީ ވަޒީފާއިން ސަސްޕެންޑު ކޮށްފައި ކަމަށް ހއ. ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހީމް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ ނިދަން ކަމަށް ބުނެ ކުޑަ ކުއްޖަކަށް ފަރުވާދޭން ދެކޮޅު ހެދި ޑޮކްޓަރު ވަޒީފާއިން ވަކި ކުރަންދެން ސަސްޕެންޑު ކޮށްފައި ވާ ކަމަށެވެ.
"ޑޮކްޓަރުން ގެންނައިރުވެސް އެގްރިމެންޓްތައް ހަދައިގެން ގެންނާނީ. ދެން އެހެންވީމަ އެއަށްވެސް ބެލުމަށް ފަހު އޮންނަ އުސޫލުގެ މަތިން ހެލްތު މިނިސްޓްރީން އޭނާ ޓާމިނޭޓް ކުރާނެ. ކުރަންދެކަ އޭނާ ހުރީ ސަސްޕެންޑުކޮށްފަ،" އޭނާ ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެ ރަަށަށް ގެނައި މިސްރުގެ ޑޮކްޓަރެއް މިވަގުތު ވެސް އެބަހުރި ކަމަށެވެ. އަދި އޭނާގެ ޚިދުމަތް އަދި ރަނގަޅު ކަމަށާއި އެ ޑޮކްޓަރުގެ އެއްވެސް ކަހަލަ މައްސަލައެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ހޯރަފުށީ ސިއްހީ މަރުކަޒަކީ 24ގަޑިއިރު ޚިދުމަތް ދޭ ތަނަކަށް ވުމުން އެންމެ ޑޮކްޓަރެއް ހުރުމުން ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
"އިތުރު ޑޮކްޓަރަކު ހޯދަން ވަރަށް އެބަ ޑިމާންޑު ކުރަން. ހެލްތު މިނިސްޓްރީން ބުނީ ވީ އެންމެ އަވަހަކަށް ޑޮކްޓަރެއް ފޮނުވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ހޯރަފުށީގައި ސަސްޕެންޑު ކުރި ޑޮކްޓަރުގެ މައްސަލަ އެންމެ ބޮޑަށް ދެކެވެން ފެށީ އެ ރަށުގެ މީހަކު އޭނާގެ އެއް އަހަރުގެ ދަރިފުޅު ހުން ގަދަ ވެގެން ޑޮކްޓަރަށް ދައްކަން ދޮޅު ގަޑިއިރެއްހާއިރު މަޑުކުރުމަށް ފަހު ނަންބަރު ޖެހުމުން ނިދަން ކަމަށް ބުނެ ފަރުވާދޭން އެ ޑޮކްޓަރު އިންކާރު ކުރި ކަމަށް ސޯޝަލް މީޑިއާގައި އެ ކުޑަ ކުއްޖާގެ ބައްޕަ އިއްޔެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އެ ޕޯސްޓުގައި އެތައް ފަހަރެއްގެ މަތިން ކުއްޖާގެ ހާލަތު ކިޔާ ދިނުމުންވެސް ފަރުވާދޭން އިންކާރު ކޮށްފައިވާ ކަމަށާއި ހޮސްޕިޓަލުގެ މެނޭޖަރު ބުނުމުން ވެސް ކުއްޖާއަށް ފަރުވާ ދީފައިނުވާ ކަމަށް ކުޑަ ކުއްޖާގެ ބައްފަ ބުނެފައިވެއެވެ.
ފަރުވާ ނުލިބިގެން އުޅުނު ކުޑަ ކުއްޖާގެ ބައްޕަ ކުރި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އެ ކުއްޖާއަށް ފަރުވާދޭން ފެށުނުއިރު ތިން ގަޑިއިރު ވެފައިވާ ކަމަށެވެ. އެއީ ވެސް ނަރުސް ކުދިންގެ ސަބަބުން ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.
އެ ޑޮކްޓަރަކީ ބިދޭސީ ފިރިހެން ޑޮކްޓަރެކެވެ.
އެކަމާ ގުޅިގެން އިއްޔެ، އެ ރަށު ސިއްހީ މަރުކަޒުގެ މެނޭޖަރު ރަޝީދު ވަނީ އެ ޑޮކްޓަރު ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
ހޯރަފުށީ ކައުންސިލުން ވެސް ވަނީ ޑޮކްޓަރުން ފަރުވާ ކުޑަ ކުރުމުގެ ޝަކުވާތައް އާއްމުން ހުށަހަޅާ ކަމަށް ބުނެފައެވެ. އަދި ޑިއުޓީ ގަޑީގައި ނިދުމަކީ އޭނާގެ އާއްމު ކަމެއް ކަމަށް އެރަށު މީހުން ބުނެއެވެ.