ގދ. ތިނަދޫގެ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ދަރިވަރަކަށް ހަނގާ ކޮށް އަނިޔާކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ތިނަދޫ ސުކޫލު ކްލާސްރޫމެއްގައި ދަރިވަރަކަށް އަނިޔާކުރާ މަންޒަރެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ގޮނޑީގައި އިށީނދެގެން އިން ފިރިހެން ކުއްޖެއްގެ ކައިރިއަށް އެހެން ކުއްޖަކު ގޮސް މޮނީޓަރު ފޮތެއް އަތުލައި ވާހަކަ ހުންނަ މަންޒަރު ފެނެއެވެ.
ހަމައެއާއެކު އެ ފޮތް އަތުލަން އެހެން ކުއްޖަކު އުޅޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެއަށް ފަހު އިށީނދެގެން އިން ކުއްޖާގެ ގައިގައި ފޮތާއި ދަބަހުން ދެން ހުރި ކުއްޖާ ތަޅާ މަންޒަރު ފެނެއެވެ.
އޭގެ ފަހުން ކުލާސްރޫމުގައި ތިބި އެހެން ކުދިން އެ ދެކުދިން ދުރުކުރުވަން އުޅޭ މަންޒަރު އެ ވީޑިއޯއިން ފެނިގެންދެއެވެ.
އެ ވީޑިއޯއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތިނަދޫ ސުކޫލެއްގައި ދަރިވަރަކަށް ހަނގާ ކޮށް އަނިޔާކުރި މަައްސަަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިފަައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އެޑިއުކޭޝަނުން ދީފައިނުވާއިރު، އެކަން ހިނގި ވަގުތެއް ވެސް އަދި ސާފެއް ނުވެއެވެ.