އެމްޑީޕީ އުފެދުނީ އަނިޔާވެރިކަން ހައްދުފަހަނައެޅުމުން: ރައީސް

ރައީސް މައުމޫން އަދި ރައީސް ސޯލިހް: އެމްޑީޕީ އުފެދުނީ މައުމޫނުގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައެޅުން ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައި -- ސަން ފަޔާޒު މޫސާ

މިހާރު ވެރިކަމުގައި އޮތް އެމްޑީޕީ އުފައްދަން ޖެހުނު އެއް ސަބަބަކީ އޭރުގައި އޮތް އަނިޔާވެރިކަން ހައްދުން ނެއްޓުމުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެއްޓެވުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ, އެމްޑީޕީ އުފެއްދުމުގައި ހުރިހާ ދާއިރާތަކަކާއި ފަންނުތަކުން މީހުން ބައިވެރިވި ކަމަށާއި އެކަމަށް އެ މީހުން ފަޚުރުވެރިވާ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިއަށް ވުރެން ވަކި ބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތް," ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ އުފެދިގެން އައީ ގަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކަކާއި ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ, އޭގެތެރެއިން އެއް ކަމަކީ ޖަލުގެ ތޭރިތަކުގެ ފުރަގަހުން އިވެމުންދިޔަ ރުޔުމުގެ އަޑު ކަމަށެވެ.

"އާދެ އަނިޔާވެރިކަން ހައްދުފަނައަޅައި ދިއުން. ކުރެވޭ އިޝާރާތަކުން ބުނެވޭ ބަހަކުން ނުވަތަ ހީވާ ހީވަމަކުން ވެސް މީހާގެ އަޖަލު އޭނާގެ ދޮރުގައި ޓަކި ޖަހާފާނެ. އެކަމަކަށް ވަކިއިރެއް ހިނދެއް މެންދުރެއް އަދި މެންދަމެއް ތަފާތެއް ނެތް. ވަންނާކަށް ވަކި ގަޑިއެއް ދައްކާކަށް ކޯޓު އަމުރެއް ފުރިހަމަ ކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯވޭ. މިއީ އެދުވަހުގެ ހާލަތު އޭރު އޮތް ގޮތް," މައުމޫނުގެ ސަރުކާރުން ކަންތައް ކުރަމުން އައި ގޮތް ސިފަކޮށްދެއްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީން ބޭނުންވީ އެ ބިރުވެރިކަމާއި ބޭއިންސާފު އަދި ލާއިންސާނީ އަނިޔާ ނައްތާލަންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ, އެ ހޯދި ކާމިޔާބްގެ ސަބަބުން އެމްޑީޕީއަށް ނިސްބަތްވާ ކޮންމެ މެންބަރަކަށް ވެސް ތައުރީފު ހައްގު ކަމަށެވެ.

އެމްޑީޕީ އުފެއްދުމަށްފަހު އައި ފުރަތަމަ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުވީ ވަތަން އެގޮތަށް އެދުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އާދެ ތެދެއް. ލައްކަ އުނދަގުލާ ދައްޗާ ތުރާލާ އެކު ގިނަ ކަންކަން ހާސިލްވި އިރު އަދިވެސް ބޭނުންވި ކިތަންމެ ކަމެއް ނުކުރެވި އެބަހުރި. އެއީ ޕާޓިގެ އެތެރޭގެ ހިންގުން ކަމަށް ވިޔަސް. ގައުމަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތަކަށް ވިޔަސް އަދި ކުރަން އޮތް މަސައްކަތް ބުރަވެފައި ބޮޑު," ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް