މުޅި މާލެއާއި ހުޅުމާލޭގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ

މާލެ ސިޓީ: މާލެ އިންނާއި ހުޅުމާލޭގެ ބަޔަކުން ވަނީ މިއަދު ކަރަންޓް ކެނޑިފައި -- ފޮޓޯ/ އަލާމީ

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއާއި ހުޅުމާލޭގެ ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.

މާލެއިން ކަރަންޓް ކެނޑިފައިވަނީ މިއަދު މެންދުރު 12:00 ޖަހަން ގާތް ވެފައި ވަނިކޮށެވެ. ނަމަވެސް އޭގެ 15 ވަރަކަށް މިނެޓް ފަހުން ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓް ދީފައެވެ.

ސްޓެލްކޯއިން ބުނީ މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭ އިންޖީނުގޭގައި އަޕްގްރޭޑިން މަސައްކަތެއް ކުރަމުންދަނިކޮށް ދެ އިންޖީނު ނިވިގެން ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް، ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"މާލެއަށް ކަރަންޓު ދެމުންގެންދާ ފީޑަރު ތަކުގެ ތެރެއިން ނުވަ ފީޑަރު މިހާރު ވަނީ އެނާޖައިޒް ކުރެވިފައި. އަދި ހުޅުމާލޭގެ އެންމެ ފީޑަރެއް ފިޔަވާ ހުރިހާ ފީޑަރެއް ވަނީ އެނަޖައިޒް ކުރެވިފައި. އެނަޖައިޒް ނުކުރެވި ހުރި ފީޑަރުތައް އެނަޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން," ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.

comment ކޮމެންޓް