ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ: ނާޒިމް

އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަމަ ރައްޖޭގެ ތަރައްގީއަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކައާ ގުޅިގެން "ސަން" އާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ލަސްވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ އިރުއިރުކޮޅާ ވެރިކަން ބަދަލުވުމެވެ.

ފައިސާގެ ނުފޫޒުން އިރުއިރުކޮޅާ ބޮޑުވަޒީރު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހެންވީމަ ދެން ތަރައްގީގެ މަސައްކަތްތައް ލަސްވަމުންދާނީ. އެހެންވީމަ އެއީ އެއްވެސް ހާލެއްގައި ރާއްޖެއަށް ފައިދާހުރި ވެރިކަމުގެ ނިޒާމެއް ނޫން،" ކާނަލް ނާޒިމް ވިދާޅުވިއެވެ.

ރާއްޖެފަދަ ސިޔާސީ ގޮތުން ހަމަޖެހުމެއް ލިބިފައިނެތް ގައުމެއްގައި ވެރިކަން ކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމު އައުމުން މި ރައްޖޭގައި ފައިސާވެރިންގެ ގޮތުގައި ތިބޭ މީހުން މަޖިލީހުގެ ގޮނޑިތައް ހޯދާ އެ ގޮނޑިތަކުގެ ބޭނުން ކޮށްގެން ބޮޑުވަޒީރުކަން ހޯދުމަށް މަސައްކަތް ކުރާނެ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަރުލަމާނީ ނިޒާމުގައި ފައިސާގެ ނުފޫޒު އިންތިހާއަށް ބޮޑުވެ ދެން އުފަން ވާނީ ސިޔާސީ ހަމަނުޖެހުން ކަމަށެވެ.

ރިޔާސީ ނިޒާމަކީ ރައްޔިތުން ބޭނުންވާ ވެރިޔަކު ހޮވުމުގެ ބާރު ރައްޔިތުންނަށް ފުރިހަމައަށް ދޭ ނިޒާމެއްކަމަށް ކާނަލް ނާޒިމް ވިދާޅުވިއެވެ.

"އަދި ތިންބާރު ވަކި ވެފައި އޮންނަ އިރުވެސް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ބޮޑަށް ލިބިގެންދާ ނިޒާމަކީ ރިޔާސީ ނިޒާމު،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަންޖެހޭ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެހާސް ހަތް ވަނަ އަހަރު ރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތަކުން ވަނީ ނިންމާފައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް. ރައްޔިތުން ބޭނުންވާ ގޮތް ރައްޔިތުން އެ އޮތީ ބުނެދީފަ. ދެން އިތުރަށް ވޯޓެއް ނަގާކަށް ނުޖެހޭ،" ކާނަލް ނާޒިމް ވިދާޅުވިއެވެ.

ކާނަލް ނާޒިމް ވިދާޅުވިގޮތުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަނީ މަޖިލީހުގެ މަދު މެންބަރެކެވެ.

ނާޒިމްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވެސް ވަނީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަރުލަމާނީ ނިޒާމް އެކަށީގެން ނުވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް