އޭނާގެ ވެރިކަމެއްގައި މާލީ ތަނަވަސްކަން ނެތް މީހުންނަށް އެހީތެރިވުމުގެ ގޮތުން އުންމީދުގެ ފަންޑުގެ ނަމުގައި އެއް ބިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކޮށް އެ ފައިސާ ތަނަވަސްކަން ނެތް މީހުންނަށް ދޫކުރުމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވައުދުވެވަޑައިގެންފިއެވެ.
ނާޒިމްގެ ވެރިކަމެއްގައި މާލޭ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ މެނިފެސްޓޯ ހާމަކުރެެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިހާތަނަށް 50އަށްވުރެ ގިނަ ރަށަށް ނާޒިމް އަމިއްލަފުޅަށް ކުރެއްވި ޒިޔާރާތުގައި ވަކިވަކި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމަށެވެ.
އެގޮތުން އެކިއެކި ސަބަބުތަކާހެދި މާލީ ގޮތުން ދަރައިފައިވާ މީހުންނާއި ދިރިއުޅުމުގެ ބޭނުންތައް ނުފުދި ތިބި މީހުންނާ ބައްދަލުވި ކަމަށާއި އެ މީހުންނަށް ބޭނުންވާ ހައްލަކީ ކޮބައިކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ނިންމައިފައި މި އޮތީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ކާމިޔާބުކުރެވި އެ ގޮނޑީގައި އިށީނދެވިއްޖެޔާ އެއް ބިލިއަން ރުފިޔާގެ 'އުންމީދުގެ ފަންޑު' ހުޅުވަން،" ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީގެ މި ފަންޑުން އެހީވެދެނީ:
- ދަރަނި ނުދެއްކި ހާލުގައި ޖެހިފައިވާ މީހުންނަށް
- ބޭސްފަރުވާގެ ކަންކަން ހަމަޖައްސަން
- ކުލި ދެއްކުމާއި ބިލުތައް ދައްކަން އެހީ ބޭނުންވާ މީހުންނަށް
- އާއިލާގެ ދިރިއުޅުމުގެ ހަމަޖައްސަން ދަތިތަކާ ކުރިމަތިވާ މީހުންނަށް
- އެހެނިހެން ގޮތްގޮތުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ދަތި މީހުންނަށް
- ގޭގައި ތިބެގެން ހިންގާ ކުދި ވިޔަފާރިތަކަށް އެހީވާން
މި ފަންޑުގެ މަސައްކަތަކީ ނާޒިމްގެ ވެރިކަމުގައި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރާނެ އެއް މަސައްކަތެވެ.
އެގޮތުން ފަންޑު ހުސްވަންދެން، އެހީއަށް އެދޭ ތަރުތީބުން ފައިސާ ދޫކުރާނެއެވެ.
"މި ފަންޑު އެކުލަވައިލުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަވީ މިހާތަނަށް ރާއްޖޭގެ ގިނަ ރަށްތަކަކށް ދެވުނީމާ، މާލޭގެ ގިނަ ގޭގެއަށް ދެވުނީމާ އެ މީހުން އެ ކުރި ޝަކުވާ. އެ މީހުންގެ އެ ކަރުނަ އަޅުގަނޑަކަށް ކެތެއް ނުވި،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައި ހޭދަކުރަންވާނީ ނިކަމެތިންނަށް ކަމަށެވެ.
ފަންޑުގައި ރަޖިސްޓްރީވާން މިހާރުވަނީ ހުޅުވައިލައިފައެވެ.
ރަނގަޅު ޕްލޭނެއް ނެތި މާލެ މިހާ ހިސާބަށް އައުމަކީ އިޖްތިމާއީ ގިނަ މައްސަލަތައް ފެންމަތިވުމުގެ އަސްލުކަމަށް ނާޒިމް ވިދާޅުވިއެވެ.
"އެހެންކަމުން މާލޭގެ ތަރައްގީގެ ޕްލޭން އަޅުގަނޑު ތައްޔާރުކުރީ މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހޯދައި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ވިސްނުމުގައި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މާލޭގެ މައްސަލައަކީ ހަމައެކަނި ބޯހިޔާވަހިކަން ނެތިފައި އޮތުން އެކަނި ނޫންކަމަށެވެ.
"ދާއިމީ އުންމީދީ ހައްލުތަކެއް ހޯދައެއް ނުދެވުނު. އެހެނަސް އަޅުގަނޑުގެ ޚިޔާލު ވަރަށް ތަފާތު. އަޅުގަނޑު ދެކޭ ގޮތުގައި މާލެއަށް ބޭނުންވަނީ ރޭވުންތެރިކަމާއި މާލޭގެ ތޮއްޖެހުމާއި ގެދޮރުވެރިކަމާއި އެ ކަމުން ނިކުންނަ ސިއްހީ އިޖްތިމާއި އަދި އެހެނިހެން މައްސަލައެއް ހައްލުކުރުމުގެ ހިކުމަތެއް،" ނާޒިމް ވިދާޅުވިއެވެ.